ޅ. މަޑިވަރަށް ދަތުރުކުރުމަށް އެއްކޮޅަށް 1029 ރުފިޔާ ހަރަދުކުރަން ޖެހުމުން އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓް ހަވާލުކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ޓިކެޓުގެ އަގަށް ބަދަލު ގެނައުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"މިކަމަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.
މަޑިވަރު އެއާޕޯޓް އިއްޔެ ރަސްމީކޮށް ހުޅުވި ނަމަވެސް، ޝެޑިއުލް ދަތުރުތައް ފަށާނީ މާދަމާއެވެ.
ނައިފަރު ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ނައިފަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ނައިފަރުގައި އެންމެ ފުރަތަމަ ރޯ ހައުސްތަކެއް އެޅީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށާއި ހައުސިން ޔުނިޓުތަކެއް އަނެއްކާވެސް އަޅާފައި މިވަނީ އެމްޑީޕީ ހިއްސާވާ ސަރުކާރަކުން ކަމަށެވެ.
ރައީސް ވިދާޅުވީ، ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ގެއެއް އެއީ ބޯހިޔަވާހި ކަމަށް އޮތް ހައްލެއް ނޫން ކަމަށާއި ތަނަވަސްކޮށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު