މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދައްކަން އުޅުނު ނަމަވެސް ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުން ކަމަށާއި އެ ދުވަހު ދެއްކީ "ތޯތޯ" ވާހަކައެއް ނޫންކަން ފާދިއްޕޮޅުގެ ރައްޔިތުންނަށް މިއަދު ޔަގީންވާނެ ކަމަށެވެ.
ނަހުލާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ނުނިމި ހުރި އެއާޕޯޓެއް ވެވޭހާ ވާރެއްއެއްގެ ތެރޭގައި ހުޅުވާނެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ސޯލިހަކީ އެއާޕޯޓުތައް އަޅައި ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ.
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ދައްކަން އުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު އެވާހަކަތައް ގަބޫލު ނުކުރާނެ ކަމަށެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮވިޑުގެ މި ދަތި އުނދަގޫ ހާލަތުގައިވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދުވަހަކު ކުރި ނާރާ މިންވަރަށް ކުރިއަރާފައިވާކަން،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މި ސަރުކާރުން އިތުރު އެއާޕޯޓުތައް އަޅާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން ރާއްޖެ ގުޅާލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު