ކޮކާކޯލާ ކުންފުނީގެ ސްޕްރައިޓަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންސިއުމާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން"ގެ ނަމުގައި މިމަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ މަގުސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު އަރާމުގައި ތިބެ ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކޮކާކޯލާ ކުންފުނިން ބުނީ، މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ސްޕްރައިޓަށް އެކަނި ނޫން ކަމަށެވެ. އެގޮތުން ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ފުޅީގެ ހާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ހާއްސަ ހަ ނަމްބަރުގެ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑުގެ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނައިފައެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖައްސާފައިވާ އިރު، ޓިއާ އެކެއްގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއާ ދޭއްގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފުރިޖު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން މިމަހުގެ 19 އިން ފެށިގެން ކޮންމެ ދުވަހަކުވެސް، ދެ ނަސީބުވެރިން (ކޮންމެ ޓިއާއަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓީވީއެމްއިން ލައިވްކޮށް ގެނެސްދޭނެއެވެ. އަދި @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެއެވެ.
ކޮކާކޯލާ ކުންފުނިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސްކްރީންތަކަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާ ކަމަށާއި ޕްރޮމޯޝަންގެ ބޭނުމަކީ ސްޕްރައިޓްގެ ރަހައަށް އިންސާފުކޮށްލައިގެން ބޮޑެތި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"ކޮވިޑް 19ގެ ބަލިމަޑުކަމާއެކު، ކުރިން އަޅުގަނޑުމެން ސްކްރީންތަކަށް ބަރޯސާވާ ވަރަށް ވުރެ ބޮޑަށް މިހާރު އަޅުގަނޑުމެންގެ ސްކްރީންތަކަށް ބަރޯސާވާން ވަނީ ޖެހިފައި. ދާދިފަހުން އަޅުގަނޑުމެން ރާއްޖޭގައި ސްޕްރައިޓް ކްލިއާ ޕެޓް ފުޅިއަށް ބަދަލުވުމާ ގުޅިގެން، އަޅުގަނޑުމެން ދިވެހިންނަށް މި ފުރުސަތު ދެނީ ސްޕްރައިޓްގެ ފިނި، ކްރިސްޕް އަދި ލެމަން ލައިމް ރަހައަށް އިންސާފުކޮށްލައިގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު،" ޕަންޖަކް ވިދާޅުވިއެވެ.
ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންސިއުމާ ޕްރޮމޯޝަނެއް ފަށާފައި މިވަނީ، ސްޕްރައިޓް ފުޅި ބަދަލުކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލައިފައެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 ޕަސަންޓް ރީސައިކަލް ކުރެވޭ ޕެކޭޖިންއަށް ބަދަލުކުރުމަށް ކޮކާކޯލާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 ޕަސަންޓް ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެއެވެ.
ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ލުއި ބުއިމެކެވެ. 1961 ވަނަ އަހަރު ތައާރަފުކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކައެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރު ހިއްކުން ފިލުވައިލަދޭ މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފައެވެ.