ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅިގެން ހާއްސަ ސްޓޭމްޕެއް ތައާރަފުކޮށްފިއެވެ.
އެ ސްޓޭމްޕަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިސްނެގުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރި ސްޓޭޕްކެވެ.
މެންހަޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޓޭމްޕް ތައާރަފުކޮށްދެއްވީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން އެމްޔޫ މުހައްމަދު އުމަރު މަނިކާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޗެއާމަން ހުސެއިން އަފީފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާއެވެ. އެ ބޭފުޅުން ވަނީ އެ ސްޓޭމްޕުގެ ނަމޫނާގައި ސޮއިކުރައްވައިފައެވެ.
އެ ސްޓޭމްޕުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ތާރީހުތައް ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ޓޫރިޒަމް ފެށުނު ތާރީހާއި ފުރަތަމަ ވޯޓާ ވިލާ ތައާރަފުކުރި ތާރީހާއި ސީ ޕްލޭންގެ ހިދުމަތް ތައާރަފުވެގެން ދިޔަ ތާރީހާއި ޓޫރިޒަމް އިންސްޓިއުޓެއް އުފެއްދި ތާރީހާއި ގެސްޓް ހައުސް ޓޫރިޒަމް ތައާރަފުކުރި ތާރީހު ފާހަގަކޮށްފައިވެއެވެ.
ސްޓޭމްޕް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުވެގެން ގޮސްފައިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މީގެ 50 އަހަރު ކުރިން ރާއްޖޭގައި ފެށި ޓޫރިޒަމަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވަނީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށްދެއްވި ބާނީންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޓޫރިޒަމްގެ ރަން އަހަރާ ގުޅިގެން ގިނަ ހަރަކާތްތައް އަހަރުގެ އެކި ދުވަސްވަރަށް ތާވަލުކޮށްފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވީ 3 އޮކްޓޫބަރު 1972 ގައެވެ. އެ ރިސޯޓު ހުޅުވީ 30 ކޮޓަރިއާ އެކުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު