އަހަރުގެ ބައެއް އިތުރު ތަށިތައް ގެއްލުނު ނަމަވެސް ވެކްސިން ނުޖެހުމުގެ މިނިވަންކަމުގައި ދެމި ހުންނަން ބޭނުން ވާ ކަމަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ބުނެފިއެވެ.
މިއަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ކުރިން ޖޮކޮވިޗްގެ ވިސާ މައްސަލަ ވަނީ ބޮޑު ހައިޖާނު ގަނޑަކަށް ވެފައެވެ. ޖޮކޮވިޗް ކޮވިޑް 19 ވެކްސިން ނުޖަހައި ހުރުމުން އޮސްޓްރޭލިއާއިން ވިސާ ދޭން އިންކާރުކޮށް، އޭނާ ޑީޕޯޓް ކޮށްލާފައިވާ އިރު، ޖޮކޮވިޗް މުބާރާތުގައި ނެތުންވީ ފަޅުކަމަކަށެވެ. އެ މައްސަލަގަނޑަށްފަހު ޖޮކޮވިޗްގެ ގިނަ ވާހަކަތެއް ފެންމަތިވެފައިވާ އިރު، އޭނާ އަދިވެސް ބުނަމުން ދަނީ ވެކްސިން ޖަހަން ބޭނުން ނުވާ ކަމަށެވެ.
"އޭރު މީޑިއާއާ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެ ވާހަކަތައް ނުދެއްކީ މުބާރާތުގެ މަސްލަހަތުގެ ގޮތުން. އަހަރެން ޑިޓެންޝަންގައި ހުރި ހާލަތަކީ އުނދަގޫ ހާލަތެއް. ފޯނު ނުކުރެވި އެތައް އިރެއް ގޮސް، ވަރަށް ބޮޑަށް މާޔޫސްވެ، ވާނުވާގައި ހުންނަންވެސް ޖެހުނު. އޭރު އަހަރެން ވާހަކަ ނުދެއްކީ އޮސްޓްރޭލިއާގެ ގާނޫނީ ހައިސިއްޔަތަށް އިހުތިރާމު ކުރުމުގެ ގޮތުން. އެއީ އަހަރެން އެގައުމަށް ކުރި އިހުތިރާމު،" ޖޮކޮވިޗް ބުންޏެވެ.
އުމުރުން 34 އަހަރުގެ ޖޮކޮވިޗަށް އަދި މިއަހަރު ބާކީ ގްރޭންޑް ސްލޭމް މުބާރާތްތައް ހުރި އިރު، އޭގެ ތެރެއިން ބައެއް މުބާރާތްތައް އޮތީ ވެކްސިން ނުޖަހާނަމަ އެތެރެ ނުވެވޭ ގައުމުތަކުގައެވެ. އެގޮތުން ފްރާންސްގައި އޮންނަ ފްރެންޗް އޯޕަން ކުޅުމަށް ވެކްސިން ނުޖަހާ ކުޅުންތެރިޔަކަށް އެތެރެއެއް ނުވެވޭނެއެވެ. އެގޮތަށް ފްރާންސްގެ އުސޫލުތައް އޮތް ނަމަވެސް މުބާރާތް ކުޅުމަށް ޖޮކޮވިޗް ވެކްސަން ޖަހާނެ ކަމަކަށް ނުބެލެވެއެވެ.
"އަހަންނަކީ ވެކްސިނާ ދެކޮޅު މީހެއް ނޫން. އަހަރެން ކުޑައިރުވެސް ވާނީ ވެކްސިން ޖަހައިފައި. އެކަމަކު އަމިއްލަ ހަށިގަނޑުގެ ކޮންމެ ކަމަކަށްވެސް އަމިއްލަ އިހުތިޔާރެއް އޮތުމަކީ އަބަދުވެސް ގަބޫލުކުރާ ކަމެއް. އެހެންވީމަ ވެކްސިން ނުޖަހައި ހިދުމަތްތައް ހޯދައި، ވެކްސިން ނުޖަހައި ކަންކަން ކުރުމުގެ އިހުތިޔާރު އޮންނަން ވާނެ،" މިހާތަނަށް 30 ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗް ބުނީ ބޮޑެތި ބައެއް މުބާރާތްތައް ގެއްލުނު ނަމަވެސް އަދި ވެކްސިން ޖަހަން ނުވިސްނާ ކަމަށާއި، އެ ވިސްނުމަކީ "އެންޓި ވެކްސް" ކެމްޕޭނުގެ ވިސްނުމެއް ނޫން ކަން ސާފު ކޮށްދޭ ކަމަށެވެ. ޖޮކޮވިޗް ބުނީ އެންޓި ވެކްސް ރެލީތަކަށް ތާއީދު ނުކުރާނެ ކަމަށާއި، އެއީ އަދި އަމިއްލަ ގަބޫލުކުރުމާ ހިލާފުކަމެއް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު