1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާބެހޭ އާންމު އަޑުއެހުމުގައި ބަޔާން ދިނުމަށް މިހާތަނަށް 35 މީހަކު ނަންނޯޓުކޮށްފައިވާ ކަމަށާއި ނަންނޯޓު ކުރުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ބުނެފި އެވެ.
އޮމްބަޑްސް ޕާސަންގެ އޮފީހުން މީގެ ކުރިން ބުނީ، އެކަމާބެހޭ އާންމު އަޑުއެހުމެއް ބާއްވަން ނިންމީ، އެ ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިޔަކު ހިންގި ކަމަށް ބުނެ އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުންވެސް އަޑުއެހުން ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އޮމްބަޑްސް ޕާސަންގެ އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އާންމު އަޑުއެހުމުގައި ބަޔާންދިނުމަށް ނަންނޯޓު ކުރާ މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ބަޔާންދިނުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް އިއތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮމްބަޑްސް ޕާސަންގެ އޮފީހުން ބުނީ އެ މައްސަލަތަކުގެ އަޑުއެހުންތައް ތިނަދު އާއި މާލޭސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ތިނަދޫގައި ބާއްވާ އަޑުއެހުންތައް އޮންނާނީ، އަންނަ މާޗު މަހުގެ ތިންވަނަ ދުވަހާއި، ފަސްވަނަ ދުވަހު ކަމަށާއި، މާލޭސިޓީގައި ބާއްވާ އަޑުއެހުންތައް އޮންނާނީ މާޗްމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.
- ފުރިހަމަ ނަން
- އައިޑީ ކާޑު ނަންބަރު
- ގުޅޭނެ ނަންބަރު
- ދާއިމީ އެޑްރެސް
- މިހާރު ދިރިއުޅޭ އެޑްރެސް
- މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް
- ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ
- ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހުގެ ފޯނު ނަންބަރު 7223473 އަށް ގުޅައިގެން، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި[email protected] އަށް އީމެއިލް ކޮށްގެން މި މައުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށެވެ.
އާންމު އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑާއި، ބަޔާންދޭން ނަންނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތުގެ މައުލޫމާތު ޝީޓެއްވެސް އެ އޮފީހުން ވަނީ އާއްމު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު