ޕޯސްޓު މެދުވެރިކޮށް، އިންޑިއާ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވަނީ، އުމުރުން 50 އަހަރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ އެ އަންހެން މީހާ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހައްޔަރުކުރީ މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައިކަމަށެވެ.
އެ އަންހެން މީހާ ހައްޔަރުކުރީ، އޭނާ ހޯދަން ނެރެފައިވާ އަމުރެއްގެ ދަށުން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ބުނީ، އޭނާގެ ބަންދަށް ތިން ދުވަހުގެ ޓްރާންސިޓް ބަންދެއް ޖަހާފައިވާ އިރު، މިއަދު މުމްބާއީއަށް އޭނާ ގެންދާނެ ކަމަށެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، ދިވެހި އެ އަންހެން މީހާއަކީ އޮޕިއަމް އެތެރެކުރަން އުޅުނު މައްސަލައެއްގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މުމްބާއީގެ ފުލުހުންގެ ސަމާލުކަމަށް އައި މީހެއް ކަމަށެވެ.
އެގޮތުން ޑިސެމްބަރު 11 ވަނަ ދުވަހު، މުމްބާއީ ފުލުހުންގެ ތަހުގީގު އޮފިސަރުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމްއައިޑީސީ ޕޯސްޓް އޮފީހަށް ގެނެސްފައިވާ ޕާރުސަލެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު ކަމަށާއި އަދި އެ ޕާރުސަލް ފޮނުވާ މީހެއް ކަމަށް ބުނެފައިވަނީ ހައްޔަރުކުރި އަންހެން މީހާ ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު