ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާންކޮށްފައިވާ 60 ބިމުގެ ތެރެއިން ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ވިއްކާ 34 ބިމަށް ބިޑްކުރުން މާދަމާ ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތާވަލު ކޮށްފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި 60 ގޯތީގެ ތެރޭގައި ހިމެނޭ ބީޗް ސައިޑް 34 ބިމަށް ބީލަން ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ ބިންތަކުން އަކަފޫޓަކަށް 3،500 ރުފިޔާއިން ބިޑް ފެށޭއިރު ކޮންމެ ބީލަން ފޯމަކާ އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެއް ފަރާތަށް ކަމަށް ވެސް ހެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ފޯމް ހުޅުވުން ކުރިއަށް ދާނީ މާދަމާ ހެދުނު 9:00 އިން 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، 5 ވަނަ ފަންގިފިލާގައި ހުންނަ އިވެންޓްސް ހޯލްގައެވެ. އަދި ބީލަން ފޯމް ހުޅުވުން ކުރިއަށްދާނީ މެންދުރު ފަހު 13:00 އިން ފެށިގެން ހަމަ އެ ހޯލުގައެވެ.

އެޗްޑީސީން ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމަކާއި، ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ.

އެޗްޑީސީން ވަނީ ބީޗްފްރޮންޓް 26 ބިމަށް ބިޑް ކުރުން މިދިޔަ ހަފުތާގައި ބާއްވާފައެވެ. އެ ބިންތަކަށް 211 ބީލަން ހުށަހެޅުނު އިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާއެވެ. އަދި އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަ ފޫޓަކަށް 6،700 ރުފިޔާއެވެ.