އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ. އަޖޭ ކުމާރު ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިިފިއެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ، ކޯސްޓްގާޑުގެ ޑޮކްޔާޑް މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރުން އެ މަޝްރޫއަށް ދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައިވެސް އެގައުމުގެ ސަރުކާރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އަޖޭ ކުމާރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އިންޑިއާ ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވައިލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ހަރަކާތެއް ކުރިއަށްގެންދާ ވަގުތެއްގައެވެ.