ގޭބީސީ ތަކުގައި ކަރަންޓް ބޭނުންކުރާ ގޮތް އިގްތިސޯދު ކޮށްފިނަމަ ކަރަންޓް ބިލުތަކުން އެވްރެޖްކޮށް 15-20 އިންސައްތަ ކުޑަ ކުރެވޭނޭ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވާތީ, އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދާ އެނާޖީ ސޭވިން ކެމްޕެއިން މިއަހަރަށް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ, ފާއިތުވި 15 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރުވެެސް ކޮންމެ އަހަރެއްގެ ކުރީކޮޅުގައި ކަރަންޓް ބިލުތައް ބޮޑުވުމުގެ މައްސަލަ ތަކުރާރުވަމުން އައިސްފައިވާ ކަމަށެވެ.

އާއްމު ރައްޔިތުން މިކަމަށާއި އިގުތިސޯދު ކުރުމާ ގުޅޭގޮތުން ވިސްނައި, ކަރަންޓު އިގުތިސޯދުކޮށްފިނަމަ 15-20 އިންސައްތައަށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށާއި ކަރަންޓުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ސަމާލުކަމެއްދީފި ނަމަ އެއަދަދަށް ކުޑަކުރެވޭނެ ކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުރިކަމަށް މުޣުނީ ވިދާޅުވިއެވެ.

"ފަރުދީ ހައުސިއްޔަތުން އެކި ފަރާތްތަކަށް ކުރެވެން އޮންނަ ކަންތައްތައް ކޮށްފިނަމަ ހޫނު މޫސުމުގެ ތެރޭގައި، ހޫނުވާ ދުވަސްވަރުގައި ކަރަންޓް ބިލު ބޭނުން ނުކުރާ ވަރަކަށް މަތިވެގެން ނުދާނެ" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ އޭނާ މަގާމާ ހަވާލުވި އިރުވެސް ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ލިބޭ އެއް ޝަކުވާއަކީ ކަރަންޓު ބިލު ބޮޑުވުމާއި ކަރަންޓު ކެނޑުމުގެ މައްސަލަ ކަމަށާއި ނަމަވެސް އޭރު ކުންފުންޏަށް ގެންނަން ބޭނުންވި ބަދަލުތަކުގެ ތެރެއިން ގިނަ ބަދަލުތައް ގެނެސް, ޝަކުވާތައް މަދު ކުރެވިއްޖެ ކަމަށެވެ. އަދި އެކުންފުނިން ކުރިއަށް ގެންދާ އެނާޖީ ސޭވިން ކެމްޕެއިންގެ ބޭނުމަކީވެސް ކަރަންޓް ބިލު ކުޑަ ކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކޮށް ރައްޔިތުންގެ އަތުން ބޭކާރު ގޮތުގައި ފައިސާ ހަރަދުވެގެން ދިއުން މަދުކުރުން ކަމަށް މުޣުނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ވައިޑް އޯޑިއަންސަކަށް، ވީހާވެސް ގިނަ ފަރާތްތަކަށް ކަރަންޓް އިގްތިސޯދު ކުރުމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެން ދިއުން" މުޣުނީ ވިދާޅުވިއެވެ.

މިއަހަރުގެ އެނާޖީ ސޭވިން ކެމްޕެއިންގެ ދަށުން ސްޓެލްކޯ އިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފަ އެވެ.

އެގޮތުން އެންމެ ބޮޑަށް ކަރަންޓު އިގުތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުމާއި ސްޓެލްކޯ "މާ ޓީވީ" ގެ އިތުރުން މާލޭގެ ސަރަހައްދު ތަކުގައި އިތުރު އައުޓްޑޯ ބިލްބޯޑުތަކެއް ހަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުން ހިމެނެ އެވެ. އަދި ސްކޫލުތަކުގެ ދަރިވަރުން އި އިންޖިނިއަރިންގެ ދާއިރާއަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސަރުކާރުގެ މިނިސްޓްރީ ތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް އެނާޖީ ސޭވިން އާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މަޖާ އުފާވެރި މާހައުލެއްގެ ތެރެއިން ކަރަންޓު ބިލު ކުޑަކުރުމަށް މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް އާއިލީ ހަވީރުތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.