ލައިފް ސްޓައިލް

"ކައްޗާ ބަދަމް" ލަވަޔާ އެކު ބުބަން އަށް ހާއްސަ މަޝްހޫރުކަމެއް

''ކައްޗާ ބަދަމް'' ލަވައާއެކު މަޝްހޫރުވި ބުބަން ބަދުޔާކަރް އަކީ ވެސްޓް ބެންގާލްގެ ކުޑަ އަވަށެއްގައި ބަދަން ވިއްކުމުގެ މަސައްކަތްކުރަމުން އަންނަ މީހެކެވެ.

އޭނާ ބަދަން ވިއްކާއިރު ކިޔަމުން އަންނަ ލަވައަށް މި ފަހަކުން ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. އިންޓަނެޓުގައި ދައުރުވާ މި ލަވަ އަޑު ނާހާ މީހަކު މަދުވާނެއެވެ. ބުބަންގެ ލަވައަށް ބޮޑު ސަމާލުކަމެއް ލިބި މިލަވަ އެކިގޮތްގޮތަށް ވަނީ ގެނެސްދީފައެވެ. މީގެ ދެ މަސް ކުރިން ޔޫޓިއުބުގައި އާއްމުވި ބުބަން ގެ ''ކައްޗާ ބަދަމް'' ވައިރަލްވެފައިވާއިރު މިއުޒީޝަނެއް ކަމަށްވާ ނަޒްމޫ ރީޗަޓް އެލަވައިގެ ރީމިކްސް އަކާއެކު ދޫކޮށްލުމުން މި ލަވަ ވަނީ އިތުރަށް މަގުބޫލުވެގެން ގޮސްފައެވެ.

ބުބަން އަށް ލިބެމުން އަންނަ ސަމާލުކަމުގެ ސަބަބުން ވެސްޓް ބެންގާލް ފުލުހުން ވަނީ އޭނާގެ އަގުވަޒަން ކޮށްފައެވެ. ފުލުހުންގެ ހެޑްކުއާޓާޒް ގައި އެކަމަށް ހާއްސަކޮށްގެން ބުބަން ހާޒިރުކޮށް ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ބުބަން ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނެފައިވަނީ މިކަހަލަ ދުވަހެއް އައިސްދާނެކަމަށް އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާ ކަމަށެވެ. އަދި އޭނާގެ ލަވައަށް އެހާބޮޑު ސަމާލުކަމެއް ލިބިގެން މިހާ ހިސާބަށް އާދެވިދާނެކަމަށް ދުވަހަކުވެސް ހީނުކުރާކަމުގައި ބުބަން ވަނީ ބުނެފައެވެ.