ވަރަށް ކުޑައިރުއްސުރެ ފެންނަ އަންހެނެކެވެ. މީހާގެ އާއިލާގެ ވަނަވަރު އޭރަކު މާބޮޑަކަށް ނޭނގެއެވެ. އިސްކޮޅުން ދިިގު، ރޫފަ ރަނގަޅު ރީތި މީހެކެވެ. މިމީހާ ދިރިއުޅެމުން އައީ އާދައިގެ ޖިފުޓިއެއްގައެވެ. އަލަށް އާބާދުވާން ފެށި ހިސާބެއްކަމުން މާގިނަ މީހުންނެއް އެހިސާބަކު ދިރިއެއް ނޫޅެއެވެ. ހީވާގޮތުން އެ އަންހެން މީހާ އެ ގޯތީގައި އުޅޭތާ ވަަރަށް ގިނަ ދުވަސްވެދާނެއެވެ. ކައްކައި ކައިހަދައެވެ. އޭނާގެ އަމިއްލަ ނަފުސަށްވުރެ ލޯބިވާ ދެކުދީން އޭނާއާއެކު އުޅެއެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އެ ދެކުދިން އޭނާގެ ފަސްބައިގައި އެލިގަނެގެން ތިބެއެވެ. އެހެންނޫނީ އޭނާ މީހުންނަށް މަސައްކަތްކޮށްދޭން ގެންގުޅޭ ބަރޯގައި އެ ދެކުދިން އަބަދުވެސް ތިބޭނެއެވެ. މިކުދިންގެ ބައްޕައެއް ނުފެނެއެވެ.

މި އަންހެން މީހާއާ ބެހޭގޮތުން ރަށުތެރޭގައި އެކިފާޑުގެ ވާހަކަތައް ދައްކައެވެ. ހާއްސަކޮށް ހަނދުވަރުދޭ ރޭރޭގައި އެ އަންހެން މީހާގެ ގެ ހުންނަ ފަޅު ހިސާބުން ބިރުވެރި ކަންތައް ދިމާވާ ކަމަށާއި އެ ޖިފުޓީ ތެރެއިންނާއި އެގޯތީގެ އެކި ދިމާތަކުން އަންހެނަކު ބާރަށް ރޯއަޑާއި ވަލުޖަނަވާރެއް ކަރުގައި ހިފާ ކަހަލަ އަޑެއް އިވޭ ވާހަކައެވެ. މި ބުނާ ކަހަލަަ ރޭތަކުގައި އެހިސާބަށް އެއްވެސް މީހަކު ނުދާނެއެވެ.

ބައެއް ފަހަރު އަންހެން މީހާ އެހެން މީހެއްގެ އުޅުމާއި ބަހުރުވަ ގެންގުޅޭ ވާހަކައަކީވެސް އަޖައިބެއް ކަހަލަ، ޖޯކު ހީވާކަހަލަ ވާހަކައެކެވެ.

"އެހެރަ ކިޔާ ނަންތަކެއް. އޮލައިފީލް، ތޮލައިފީލް، ބޮފައިފީލް.. ފައްޗަކަށް އަމުނާލާފައި ކޮންމެވެސް ބަހަކުން އޭތިމީތި ކިޔާނެ،" އެ ފާޑުގެ ބަހުރުވައަކުން ވާހަކަދައްކާ ކަމަށްވަނީ ކަޅުފޮއިމޫސުމުގެ ދަންގަޑިތަކުގައެވެ. އެ ހިސާބަށް ގޮސް އުޅޭ 'ޒުވާނުން'ނަށް އެކަހަލަ ރެއެއްގައި ފެންނަނީ މުޅީން އެހެން ގޮތަކަށް އުޅޭ މީހެކެވެ. ކުދިންކޮޅު ކޮބައިހޭ އަހައިފިއްޔާ ކޮން ކުދިންނެއްހޭ ނޫނީ "ހާނ.. މަތީބައިގަ. މިގަޑީގަ ނިދާފަ. މިއުޅެނީ މަގޭ ކުދިންނަށް ކާންދޭން" މިކަހަލަ އަޖައިބެއް ކަހަަލަ ވާހަކަތަކެވެ.

ދެން އެކަހަލަ ބައެއް ވަގުތުތަކުގައި މީހުންނަށް އަނިޔާ ލިބިފައި ހުރި ވާހަކައެވެ. ހާއްސަކޮށް އެދުވަސްވަރު ވަލުތެރެއަށް ކުޑަ އަންހެން މަންޖެއެއް ގޮވައިގެން ދިޔަ ދެވަންފުރައިގެ ފިރިހެނަކުގެ ބޯފަޅާލި ވާހަކަ ފާހަގަކޮށްލެވެއެވެ.

ސްކޫލުގައި އުޅުނު އެ ދުވަސްވަރު އިނގިރޭސި މާއްދާގެ މުދައްރިސު ދިން ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރުމަށް ފިލްމެއް ބަލަން ޖެހުނެވެ. އެ ފިލްމު ބެލުމަށްފަހު އެމައުޟޫއާ މެދު ޝައުގުވެރިކަމެއް އުފެދުނެވެ. އެ ހިސާބުން ހައްވާދިއެއާ ބެހޭގޮތުން އޮޅުންފިލުވުމަށް ބޭނުންވިއެވެ. އެކަމަކު އެއްވެސް މީހަކު އާ ޖަވާބެއް ނުދިނެވެ. ދެން އަމިއްލައަށް ހައްވާދިއެއަށް ފާރަލައި އޭނާގެ ކަންތައް ހޯދަން ފެށީމެވެ. އާންމުކޮށް ވަރަށް ގިނައިން ކުޅިތެރޭގައި އިށީނދެ އިނދެ ހައްވާދި ކޮންމެވެސް ކަމެއް ކުރާނެއެވެ. އެކުރާ ކަމެއް އެނގުމުން ހައިރާންކަން ވީ އިތުރެވެ. ކުޅިތެރޭ، އެޗަކަ ތެރޭ އިނދެ ދަނޑިކޮޅެއް 'ދަން ޖެއްސުމުގެ' މަސައްކަތް ކުރުމަށް އޭނާ ގެންގުޅެނީ ދިއްގާގަހުގެ ތޮށިން ހަދާފައި އޮތް މާދިގު ނޫން ވާކޮޅެކެވެ. ދަން ޖެއްސުމަށްފަހު ކުޅިތެރެއަށް ގަންބާލާފައި އަނެއްކާވެސް އެ މަސައްކަތަށް ފަށައިގަނެއެވެ.

"އެއީ ހަމަ ރަނގަޅު މޮޔައެއް. ހަނދުބޮޑުވާ މޫސުމަށް ބަލި ބޮޑުވާނީ. ރަނގަޅަށް ހުންނަ ދުވަސްވަރު ފެންވެސްވަރާނީ. އެެވެސް އެ އުޅޭ އައްދު އާދޭސްކުރީމަ. މޮޔަވާނެއެއްނު. ރަންކޮޅާ ބުނާކަށް ޅަދުވަހު ދުވީ މިރަށަށް ޗުއްޓީއަށް އަންނަ ފިރިހެނުން ފަހަތުން. އެމީހުންނާއެކު އެވަލުން މިވަލުން އުޅެނިކޮށް މިކަމެއް ދިމާވީ،"

ރަށުގެ މީހުންގެ ފަރާތުން އާ ވާހަކައެއް ނުއިވުނެވެ. ދެންވެސް ހިތްވަރު އެލުވާނުލައި އެކި ގޮތްގޮތަށް މަސައްކަތްކުރަނިކޮށް އުއްމީދުގެ ބަހެއް ބުނެލީ ބޮޑުބޭބެއެކެވެ. އިތުރަށް 'ދެގުނަ ކުރިއެރުމަކާ' ވެސް އެކުގައެވެ.

"އެއީ މޮޔައެއް ނޫން. މިގޭ ބޭބެ، ހުރިހާ އެންމެންގެ އެއްބޭބެއަކީ މޮޔައެއްތަ؟ ބޭސްކާންދިނީމަ ރަނގަޅަށް ހުންނާނީ. ބޭސް މެދުކެނޑޭއިރަށް ބޭބެ އުޅޭނީ އެ ބުނާ 'ޖިންނި' އަވަލައި ހަނދެއް ބޮޑުވެގަންނާނެ. ހައްވާދީ އަކީ މިރަށު ކަތީބުގެ ކޮއްކޮއޭ. އެ ހާލުގައި އުޅެން ޖެހެނީ އާއިލާ މީހުންގެ ހެޔޮ ކަންބޮޑުކަމުން،"

ދެން އިވުނު ވާހަކައާއި ފެނިފައި ހުރި މަންޒަރުތަކާ އަޅައި ކިޔައިލެވުނުއިރު ނެރެވުނު ނަތީޖާ ހަމަ ރަނގަޅަށްވެސް ދިމާވިއެވެ. ރަށުގައި ބޭނުންވާ ކަހަލަ ޑޮކްޓަރަކު ނެތުމުން ކަރުއެލުނީ އެ ހިސާބުންނެވެ. ޑޮކްޓަރަކު ގެނެވޭނެ ފެންވަރެެއް ނެތެވެ. ކިޔަވާ ކުއްޖަކަށް ވީތީ އެވަރުގެ ބޮޑުކަމެއް ނުވާނެކަންވެސް އެނގެއެވެ. ދެން ބޮޑުބޭބެގެ އެހީ ހޯދީމެވެ. އެ ބޭބެއަކީ ސިކުނޑީގެ ބައްޔެއް ކަމަށްވާ 'ސްކިޒޮފްރޭނިއާ'ގެ ބަލިމީހެކެވެ. އެހެންކަމުން ހަ މަހުން އެއްފަހަރު ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރަކު ބޭބެ ދައްކަން ގެނެވެއެވެ. އެ ޑޮކްޓަރަށް ހައްވާދިއެ ދެއްކޭނެ ގޮތް ހަމަޖެއްސުނެވެ.

ހައްވާދިއެއަކީ އެރަށުގެ ގަދަރުވެެރި އާއިލާއެއްގެ ހަގު އަންހެންދަރިއެވެ. ފުރާވަރަށް އަރައިގެން އައިއިރު ހައްވާދިއެއަށްވެސް ޅައެއްޗެއް އެޅުނީއެވެ. އޭރު މުޅި ރަށުގައި އެންމެ ރީތި އެކަކަށް ހިމެނޭ އެހާ ގަދަރުވެރި ބައެއްގެ އަންހެން ކުއްޖަކު އެފަދަ ކަމެއް ކުރުމުން ވީހާވެސް އެކަން ފޮރުވޭތޯ ވީކޮންމެ ކަމެއްވެސް ކުރާނެތާއެވެ. "މަގޭ ދަރި މެރިގޮތަށް، ޝަބާނާ ކަލޭވެސް މަރާލާނީ،" މިއީ ކުޅި ތެރޭ އިނދެގެން ހައްވާދިއެ އެ ދަނޑިކޮޅު ދަންޖައްސަމުން ކިޔަމުންދިޔަ ބަނދިވަރެވެ.

ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެހުނެވެ. ހައްވާދިއެއަކީ އާއިލާއެއް އޮތަސް ވާލެއް އިޔާރެއް ނެތް ނިކަމެއްޗަކަށް ވީތީ ބޮޑުބޭބެމެންގެ ފަރާތުން ވީ އެހީއެއްގެ ގޮތުގައި ހައްވާދިއެ ޑޮކްޓަރަށް ދެއްކުނެވެ. ހިތްފަޅައިގެންދާ ވަރުގެ ހިތާމަވެރި އެ ވާހަކަ ޑޮކްޓަރު ކިޔާދެއްވިއިރު ރަށުގެ އެހިސާބުގެ އެތައް ބަޔަކު ތިއްބެވެ.

"އެއީ މޮޔައެއް ނޫން. ސިކުނޑީގެ ބައްޔެއްގައި އެމްޕީޑީ، މަލްޓިޕްލް ޕާސަނަލް ޑިސްއޯޑާ. މި ބަލީގައި އޭނާ އުޅޭތާ އަހަރުތަކެއް ވެއްޖެ،"

މިއީ ސިކުނޑީގެ އެތައް ބައިވަރު ބަލިތަކުގެ ތެރެއިން ބޮޑު ބައްޔެކެވެ. ބަލީގެ އެންމެ ފަހު ހަރުފަތާ ހަމައަށް ނުދަނީސް ބޭސްކުރެވިއްޖެނަމަ ބަލިމީހާ އަނބުރާ މުޖުތަމައަށް ރަނގަޅު ހާލަތުގައި ގެނެވިދާނެއެެވެ. ދާއިމަށް ބޭސް ބޭނުންކުރަން ޖެހުނަސް އެއީ މައްސަލައެއް ނޫންތާއެެވެ. އެހެންނަމަވެސް ހިތާމައަކީ ބޭސް ކުރަން ފެށުނުތަނާހެން އެއްރެއަކު ސްޓްރޯކެއް ޖެހިފައި ހައްވާދިއެ ކުޑަކުޑަ ދެކުދިން ދޫކޮށްލާފައި އަބަދުގެ އަބަދަށް ލޯމަރާލީއެވެ. އެެ ދެކުދިންގެ ބޯމަތީ ބެލެނިވެރިކަމުގެ އޯގާތެރި އަތް އެޅީ އަވަށުގެ ދެ އަންހެނެކެވެ. މިއަދު އެ ދެކުދިންނަކީ ރަށުގެ ސިއްހީ ދައިރާއަށް ހިދުމަތްކުރާ ދެޒުވާނުންނެވެ. 'މޮޔަހައްވަ'ގެ ދެކުދިންގެ ލަގަބު އަދިވެސް އެކުދިންގެ ނަމާއެކު އެބައޮތެވެ. އެކަމަކު އެކުދިންގެ މަންމައަކީ މޮޔައެއް ނޫންކަން މިއަދު އެންމެންހެން ގަބޫލުވެސްކުރެއެވެ.

މިފަދަ ކިތަންމެ ހައްވާދިއެ އެއް މިއަދުވެސް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައި އެބަތިއްބެވެ. ސިކުނޑީގެ ބަލިތަކަކީ މީހާ މަރާ ހަމައަށް ގެންދާވަރު ބަލިތަކެކެވެ. އެހެންކަމުން އެ ބައްޔަށް ކުރަންޖެހޭ އަސްލު ފަރުވާ ނުދެވި މީހުން މަރާ ހަމައަށް ގެންދެއެވެ. ރާއްޖޭގައި ވަރަށް ކުދިކުދި ސިކުނޑީގެ މައްސަލަތަކުން ފެށިގެން ވަރަށް ބޮޑެތި މައްސަލަތަކާ ހަމައަށްވެސް ސިކުނޑީގެ ބަލިތައް ފެންނަމުން ދެއެވެ. މިފަދަ ކަންކަމާ މެދު ހޭލުންތެރިވުމާއި މިފަދަ އިޖުތިމާއީ ކަންތައްތަކަަށް ހައްލެއް ހޯދުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުން ރާއްޖޭގެ ހާލަތު ރަނގަޅުވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރެވިދާނެކަން ޔަގީނެވެ.