އެމްޑީޕީގެ ވެރިކަމެއް އަބަދަށްމެ އޮތުމަށް އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށާއި އެފަދައިން އަމަލު ކުރެވޭނީ އިންތިހާބުގައި 30 ޕަސަންޓަށްވުރެ ގިނައިން ވޯޓު ލިބޭ ހާލަތެއްގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެ އަދަދަށް އެއްވެސް ކެންޑިޑޭޓަށް ވޯޓު ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަކުރަން ޖެހޭގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށާއި، އެ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމުވަނީ އެމްޑީޕީން ވެރިކަމުގައި އަބަދަށް ތިބުމަށް ކަމަށެވެ.

"އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް، އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތާއި މިނިވަން މުއައްސަސާތައް އެކުލަވާލާފައިވާ ގޮތާއި އެ މުއައްސަސާތަކުގެ އަދަދުތަކަށްވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުވެސް ގާނޫނުގައި ކަނޑައެޅުން މުހިންމު ކަމަށެެވެ.

އަންނަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކަނޑައެޅުން ހިމެނެއެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.