ޚަބަރު

މޯލްޑިވިއަންއާއި އެމިރޭޓްސް އިން ކޯޑްޝެއަރިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ދުބާއީގެ އެމިރޭޓްސް އާއެކު ކޯޑްޝެއަރިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ، އެމިރޭޓްސްއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ އެއް އެއާލައިނުން އަނެއް އެއާލައިނުގެ ސީޓު ވިއްކުމަށާއި ދެ އެއާލައިންގެ ޓުއާ އޮޕަރޭޓް ޑިވިޝަނުން ގުޅިގެން ފަސިންޖަރުންނަށް ޗުއްޓީ ޕެކޭޖު ވިއްކަން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިއީ ރާއްޖެއަށް އިގުތިސާދީ ގޮތުން މަންފާ ކުރާނެ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮންނަ އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި އެމިރޭޓްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިއްމު ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިންއާއެކު ހެދި އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަންއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ލިބުނު ހީނަރުކަމުން އަރައިގަނެ މޯލްޑިވިއަންގެ ހިދުމަތްތަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު މި އެއްބަސްވުން ވެގެންދާނީ އެކަމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވިދާޅުވިއެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ހާޒިމް ވިދާޅުވީ ރާއްޖެއަކީ އެމިރޭޓްސްގެ ނެޓްވޯކުގައި ހިމެނޭ މަންޒިލުތަކުގެ ތެރެއިން އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިނާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް އިން ދަތުރުކުރާ ދިވެހިންނަށް، އެ އެއާލައިނުގެ ނެޓްވޯކުގައި ހިމެނޭ 120 މަންޒިލަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނީ މި އެއްބަސްވުމާއެކު އެމިރޭޓްސްއާއި މޯލްޑިވިއަން ގުޅިގެން އިންޓަލައިން އަދި ސްޕެޝަލް ޕްރޯރޭޓް އެގްރިމެންޓު (އެސްޕީއޭ)އެއް އެކުލަވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.