ނިޔާވެފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމުގެ ފިރިކަލުން މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން ބަދަލުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އެ މުދަލުން އެއްވެސް މުއާމަލާތެއް ނުކުރުމަށް، އޭނާގެ ވާރިސުންނާއި ދައުލަތުގެ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ މ. ސިސިލްކޯނަރު/ މުހައްމަދު ޔޫސުފް މޫސާއާއި މ. މުލީގެ އިބްރާހިމް މުހައްމަދު ޔަގީންކަން ދީގެން، މަނިކުގެ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) އިން ދޫކޮށްފައިވާ 15 މިލިއަން ޑޮލަރާއި ސްޓޭޓް ބޭންކު އޮފް އިންޑިއާ (މޮރިޝަސް) އިން ދޫކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ދައްކަން އަމުރު ކޮށްފައިވާ މުއްދަތުގައި ނުދައްކައިގެން އެކަން ތަންފީޒު ކުރުމަށް ކުރިއަށްދާ މައްސަލައެކެވެ.
އެގޮތުން މި މައްްސަލައިގައި ވަކިގޮތެއް ނިމެންދެން، މަނިކުގެ މުދަލާބެހޭ ގޮތުން ގިނަ ކަންތައްތަކެއް ނުކުރުމަށް، މަނިކުގެ ވާރިސުންގެ މައްޗަށާއި ދައުލަތުގެ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކަށް އަމުރު ކޮށްދިނުމަށް އެސްއައިބީން ވަނީ ކޯޓުގައި އެދިފައެވެ.
އެކަމާ ގުޅިގެން އިއްޔެ ސިވިލް ކޯޓުން ވަނީ، މަނިކުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން ބަދަލުވެދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އޭނާގެ އެއްވެސް ހިއްސާއެއް ތަމްސީލު ކުރުމުގެ ބާރު ވާރިސުންނަށް ލިބިގެންނުވާ ކަމަށް އަމުރުކޮށްފައެވެ.
އަދި އެ އަމުރުގައި މަނިކު ޑިރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ކުންފުންޏެއްގައި އޭނާގެ ނަމުގައި އެއްވެސް މުއާމަލާތެއް ނުކުރުމަށް އޭނާގެ ވާރިސުންނާއި އިކޮނޮމިކް މިނިސްޓްރީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވެއެވެ.
މީގެ އިތުރުން މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއްގެ ހިއްސާއަށް ބަދަލު ގެނައުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލިބިގެންވާ ރިސޯޓުތަކުގެ ލީސް ހޯލްޑް ރައިޓްސް އެއްވެސް ފަރާތަކަށް ބަދަލު ކުރެވޭނެ ފަދަ މުއާމަލާތެއް ނުކުރުމަށްވެސް އޭނާގެ ވާރިސުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު