އެވިޑް ކޮލެޖުން ރިސާޗު ގްރާންޓް ސްކީމެއް ތައާރަފުކޮށް އެ ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންސްގެ ނަން

"ސެންޓާ ފޯ ރިސާޗް އެންޑް އިނޮވޭޝަންސް" އަށް ބަދަލުކުރައްވިކަން އިއުލާން ކުރެއްވުމަށްފަހު ރަސްމީގޮތުން ރިސާޗު ގްރާންޓް ސްކީމް އިފްތިތާހުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

އެ ރަސްމިއްޔާތުގައި އެވިޑު ކޮލެޖުގެ ޗެއާމަނަށް ލަފާ ދެއްވަވާ ހާއްސަ މުޝީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެވިޑު ކޮލެޖުގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރެއްވެވި ކޮންސަލްޓެންޓްކަމުގައިވާ ޑރ. އަހުމަދު އަލިމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެވިޑު ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންވެސް މި ހަފުލާގައި ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި މުސްތާގު ވިދާޅުވީ، މިއީ އެވިޑު ކޮލެޖުގެ ތާރީހުގައި ލިޔެވި ފާހަގަވެގެންދާނެ އުފާވެރި ދުވަހެއް ކަމަށާއި މިއަދު ފެށިގެން މިދަނީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިލްމީ ދިރާސާތައް ކުރައްވާނޭ ބޭފުޅުންތަކެއް އަލަށް އުފެދި، އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޅި މުޖުތަމައުއަށް ނުހަނު ފައިދާކުރާނެ ކަމަށެވެ. ހާއްސަކޮށް އެކަމުގެ ސަބަބުން އެވިޑު ކޮލެޖަށާއި އެ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންގެ ކުރިއެރުމަށް އިތުރު މަގެއް ކޮށިގެން ދާނެކަން ފާހަގަކުރެއްވިއެވެ.

މުސްތާގު އިތުރަށް ވިދާޅުވީ، އެވިޑު ކޮލެޖުގެ ރިސާޗު ގްރާންޓް ސްކީމް މިވަގުތަށް ހާއްސަކުރެވިފައިވަނީ ހަމައެކަނި އެ ކޮލެޖުގެ މުވައްޒަފުންނަށް ކަމުގައިވިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި މި ސްކީމް ފުޅާކޮށް ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން އެވިޑު ކޮލެޖުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މާސްޓާސް ފެންވަރުގެ ބޭފުޅުންނާއި މާސްޓާސް ފެންވަރުގެ ކޯހެއްގައި މަތީ ތައުލީމު ހާސިލުކުރައްވަމުންގެންދަވާ ބޭފުޅުންނަށް، އެވިޑް ކޮލެޖުގައި ހިންގާ އެކަޑެމިކް ކޮންމެ ޕްރޮގްރާމަކާ ގުޅޭގޮތުން ހަދާ ދިރާސާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުން މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސީގެ ދަށުން އެ ޕްރޮޕޯސަލަށް ފަންޑުކުރެވޭނެއެވެ.

އެވިޑު ކޮލެޖުގެ ރިސާޗު ގްރާންޓަކީ އެ ކޮލެޖުގެ ސެންޓާ ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.