ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތކެއް މަރާލުމާ ގުޅިގެން، ދޫނިތަކުގެ ވިޔަފާރި ކުރާ މީހުންނާއި ދޫނި ގެންގުޅޭ މީހުން މިއަދު މުޒާހަރާ ކުރުމަށް ނިންމައިފި އެވެ.
"ޕެޓް މާސްޓާ" އިން ގެނައި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ މިނިސްޓްރީން ބުނަނީ ދޫނިތައް މަރާލާފައިވާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެެތެރެކުރުން މަނާ ބާވަތެއްގެ ދޫންޏެއް އެތެރެކޮށްފި ނަމަ ދޫނި މަރާ ނުލައި، އެތެރެކުރި ގައުމަށް އަނބުރާ ފޮނުވައިލެވެން ވެސް އޮވެއެވެ. ދޫނި ފޮނުވައިލުމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ދޫންޏެއް އެތެރެކުރި ފަރާތުންނެވެ. އަދި ގަވާއިދުގައިވާ ގޮތުން ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްޓޭޓްކޮށް ދޫނި ނައްތާލެވެން ވެސް އޮވެއެވެ.
ޕެޓް މާސްޓާގެ ފަރާތުން އާދަމް ނަސީރު މިއަދު "ވަން" އަށް ބުނީ ދޫނިތައް މަރާލުމާ ގުޅިގެން މިއަދު ހަވީރު މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
އާދަމް ބުނީ ދޫނިތައް މަރަން ނިންމާ ނަމަ އެ ދޫނިތައް ކުޑަކުދީންގެ ބަގީޗާ އަށް ހަދިޔާ ކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގައި އެދުނު ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނަހަދައި ދޫނިތައް މަރާލުމަކީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެއީ އެއްވެސް ގާނޫނެއްގައި އޮންނާނެ ގޮތެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ދޫނިތައް މަރާލާފައިވާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ މިކަމާ ނުރުހުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އާދަމް ބުނީ ޕެޓް މާސްޓާ އާއި ދޫނި އެތެރެކޮށް ވިއްކާ އަދި ދޫނި ގެންގުޅޭ ހުރިހާ ފަރާތްތަކުން މިއަދު މުޒާހަރާއަށް ނިކުންނަން ނިންމާފައިވަނީ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އަދި އަނިޔާވެރި ގޮތަކަށް ދޫނި މަރާލުން ނޫން ގޮތެއް އޮންނަން ޖެހޭނެ ކަން ގަބޫލުކޮށް އެކަމާ އަޑު އުފުލުމަށް ކަމަށްވެސް ބުންޏެވެ.
"އަޅުގަނޑުމެން އެ ދޫނިތައް އެތެރެ ކޮށްފަ މިހުރީ ކޮންމެވެސް އެއް ގަވައިދަކާ އެއްގޮތަށް. ގަވައިދާ ހިލާފުވީ ކަމަށް ބުނުމުން އަޅުގަނޑުމެން ދެން މަޝްވަރާ ކުރިން މި ދޫނިތަކަށް ހެދޭނެ ގޮތަކާ މެދު. މަރާލަން ލަފާ ދީފައިވާ ވާހަކަ ބުނީމަ އަޅުގަނޑުމެން ބުނިން ނުމަރާށޭ. ނުމަރާ ކުޑަކުދިންގެ ބަގީޗާއަށް ހަދިޔާ ކުރަން ބޭނުމޭ. ބުނީމަވެސް އޭޖީގެ ލަފާގެ މަތިން މަރާލީ ކަމަށް ބުނަނީ. އެކަމަކު އޭޖީވެސް ބުނީ އެތަކެތި އަނބުރާ ފޮނުވަން. މަރާކަށް ނުބުނޭ. އަނބުރާ ފޮނުވުމަކީ ދަތިކަމެއް ކަން ގަބޫލު ކުރަން. އެހެންވީމަ އެތަކެތި ދޫކޮށްލެވިވެސް ދާނެ މަރާނުލާ." އޭނާ ބުންޏެވެ.
އާދަމް ބުނީ މިއީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާގެ ދޫނިތަކެއް ކަމަށެވެ. އެކަމަކު މި ފައިސާ އާއި ލިބުނު ގެއްލުމުގެ ބަދަލުވެސް އަނބުރާ ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ބަދަލު ނުލިބުނު ކަމުގައިވީނަމަވެސް ދޫނިތައް މަރާނުލަން ގޮވާލާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު