ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
"ޕެޓް މާސްޓާ" އިން ގެނެއި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމާ މިނިސްޓްރީން ބުނަމުން އަންނަނީ ދޫނިތައް މަރާލާފައިވާނީ ގަވާއިދުގެ ތެރެއިން، އެސޮރުމެން އަނބުރާ ފޮނުވާލުމުގެ ފުރުސަތުވެސް ދިނުމަށްފަހު، އޭޖީ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރުކޫ އަޒީޒު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފުސީލު ރިޕޯޓެއް ހެދުމަށްފަހު އެމަނިކުފާނަށް ހުށަހެޅުމަށް، ފިޝަރީޒް މިނިސްޓްރީއަށް ރައީސް ސޯލިހު އަންގަވާފައިވާ ކަމަށެވެ.
ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެެތެރެކުރުން މަނާ ބާވަތެއްގެ ދޫންޏެއް އެތެރެކޮށްފި ނަމަ ދޫނި މަރާ ނުލައި، އެތެރެކުރި ގައުމަށް އަނބުރާ ފޮނުވައިލެވެން ވެސް އޮވެއެވެ. ދޫނި ފޮނުވައިލުމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ދޫންޏެއް އެތެރެކުރި ފަރާތުންނެވެ. ގަވާއިދުގައިވާ ގޮތުން ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްޓޭޓްކޮށް ދޫނި ނައްތާލެވެން ވެސް އޮވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު