މިދިޔަ ދެ އަހަރު ތެރޭ ކޮވިޑް-19 އަށް ހަތަރު ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ, ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކޮވިޑަށް ކުރަމުންދާ ހަރަދުތައް މިމަހުގެ ދެވަނަ ދުވަހު އާންމުކޮށްފައެވެ.
އެ ރިޕޯޓް ދައްކާ ގޮތުން, 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާއާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވާން 1.78 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ތަފުސީލަށް ބަލާއިރު, މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސިއްހީ ކަންކަމަށް ޖުމުލަ 222.7 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. ނަމަވެސް މިދިޔަ ދެ އަހަރު ތެރޭ އެންމެ. ބޮޑު ހަރަދެއް ކޮށްފައިވަނީ ބަލިމަޑުކަމުގެ ކުރީކޮޅު, 2020 ވަނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގައެވެ. އެ ދެމަހު އެކަނިވެސް 650 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އިގުތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް މިދިޔަ ދެ އަހަރު ހަރަދުކުރި ފައިސާގެ ތެރެއިން 1.15 ބިލިއަން ރުފިޔާއަކީ ރިކަވަރީ ލޯން ސްކީމުގެ ދަށުން ދޫކުރި ފައިސާއެވެ. ދެން ހިމެނެނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދޫކުރި 421 މިލިއަން ރުފިޔާއާއި ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ހަރަދުކުރި 209 މިލިއަން ރުފިޔާއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެއްވެސް ފައިސާއެއް ދޫކޮށްފައިވާ ކަމަކަށް ރިޕޯޓަކުން ނުދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު