ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓު ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެފަހު ޝިޕްމަންޓު ޕްރޮޖެކްޓު ސައިޓަށް މިއަދު ގެންގޮސްފައިވާ ކަމަށާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިންމާލައިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1100 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.