ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފި އެވެ.
އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ، ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ދެވަނަ ޝިޕްމަންޓު މިދިޔަ ހުކުރު ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 14300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ލުމާއި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
އޭގެ އިތުރުން 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ހަތަރު ނެރުބައްތި ހަރުކުރުމާއި 11 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.88 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު