ހުޅުމާލޭގެ ދެ ފިޔަވަހީ ގުޅޭ ސަރަހައްދުގައި ހަދާ ކޯރުގައި މޫދު ކުޅިވަރު ނުކުޅެން އަންގައިފިއެވެ.

އެތަން ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، އެ ކޯރުގައި ބައެެއް ފަރާތްތަކުން މޫދު ކުޅިވަރުގައި ބޭނުންކުރާ ބައެއް އުޅަނދުފަހަރާއި ތަކެތި އަޅާފައި ބާއްވާ ކަމަށާއި ބައެއް ފަރާތްތަކުން މޫދު ކުޅިވަރު ކުޅުމަށް ކޯރު ބޭނުންކުރާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، ކޯރުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ އެ ސަރަހައްދުގައި މޫދު ކުޅިވަރު ކުޅުން މަނާވާނެ ކަމަށެވެ. އަދި އެ ކޯރަށް އާންމުން އެރި ނޫޅުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ދެ ފޭސް ގުުޅޭ ބުރިޖުގެ ދަށުގައި ތަރައްގީކުރާ ކޯރަކީ، 59 މީޓަރު ދިގު އަދި 1.85 މީޓަރު ފުން ކޯރެކެވެ. އެ ކޯރުގެ ފެންގަނޑު ދައުރުވާނީ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށެވެ.

އެ ކޯރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފައިވާ އިރު، އެ ކޯރުގެ މަތިން ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވުމަށްޓަކައި ހަދާފައިވާ ހަތަރު ބުރިޖުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލައިފައެވެ. އޭގެ ތެރެއިން ތިން ބުރިޖު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ، ކޯރުގެ ސަބަބުން ހުޅުމާލޭގެ އިރުމަތީ ފަރާތުން ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އެ ކޯރު ފަރުމާކޮށްފައިވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބަލައިލަން ހިތްގައިމު ތަނެއްގެ ގޮތުގައި ކަމަށެވެ.

އެޗްޑީސީން މަސައްކަތްކުރަމުން ދިޔައީ މިދިޔަ މަހުގެ ނިޔަލަށް ކޯރުގެ މަސައްކަތްތައް ނިންމާލުމަށެވެ.