ށ. ކޮމަންޑޫ ކައިރީގައި އަޅާފައިވާ މަސް ކަނދުފަތި ކެނޑިފަތިވާތީ އާ ކަނދުފައްޗެއް މިއަދު ހެނދުނު އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކަނދުފަތި އަޅާފައި ވަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން މީގެ ކުރިން ވެސް ކަނދުފައްޗެއް އަޅާފައިވާ ކަމަށެވެ. މިއަދު ހެނދުނު އެޅި ކަނދުފައްޗަކީ ކުރިން އަޅާފައިވާ ކަނދުފަތި ކެނޑިފައިވުމުން އެޅި ކަނދުފައްޗެއް ކަމަށެވެ.
ކޮމަންޑޫގައި ކަނދުފައްޗެއް އަޅާފައި މިވަނީ އެ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ ފަށަން ހަމަޖެހިފައިވަނިކޮށެވެ. އިންތިހާބު ކައިރިވެފައިވަނިކޮށް ސަރުކާރުން އެކި ކަހަލަ މަޝްރޫއުތައް އެ ދާއިރާގައި ކުރިއަށް ގެންދާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މުހައްމަދު ރާޝިދުއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ އަބްދުލް ހަންނާނު އިދުރީސްއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރަނީ މޫސާ ފަތުހީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު