މާލެ ސިޓީން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަ މީހަކީ ގއ. ވިލިނގިލި/ ކަނޑުއޮޅި، ޙަސަން ޝިހާބު (33އ) ކަމަށެވެ. ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ފުލުހުންނަށް އެކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައި ނުވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ ހަސަން ޝިހާބާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.