އާންމު ގޮތެއްގައި ފިޔާތޮށި ކުލަޔަކީ އަންހެންވަންތަކަމާއި ފުރިހަމަކަމާއި ފޮނިމީރުކަމާއި މަރާމާތުކުރުން ނުވަތަ އާބާތުރަ މާނަކުރާ، ހާމަކުރާ ކުލައެކެެވެ. އެކަމަކު ގަދަ ފިޔާތޮށި ކުލަ އިޝާރާތްކުރަނީ ޝުކުރުވެރިވުމެވެ. އަދި "ޝުކުރިއްޔާ"އޭ ބުނުމުގެ ބަދަލުގައި "ޝުކުރިއްޔާ"އަށް އިޝާރާތްކުރެއެވެ. މިގޮތުން ފިޔާތޮށި ފިނިފެންމާ، އުފާވެރިކަމާއި ޝުކުރުވެރިކަމާއި އޯގާތެރިކަމާއި ހިތްހަމަޖެހުމުގެ މެެސެޖުތައް އޭގެ ބަސްނުމޮށޭ ހިމޭން ފިޔަތަކުގެ ދުލުން ބުނެދެއެވެ. އަދި އެކަންކަމަށް އިޝާރާތްކުރެއެވެ.
ރީތިކަމާއި ސާފުތާހިރު ތާޒާލޯތްބާއި މައުސޫމު އިހުސާސްތަކަށް އިޝާރާތް ކުރާ، ނިޔަނެތި މައުސޫމު ލޯތްބެއް ރަމްޒުކޮށްދޭ ފިޔާތޮށި ފިނިފެންމަލަކީ ރާއްޖޭގެ ފަސްގަނޑާ ރައްޓެހި، ހެއްދުމަށް ފަސޭހަ ވައްތަރެކެެވެ. ވަރަށް ގިނަ އާންމު ގޭގޭގައިވެސް މި ގަސް ހައްދާފައި ހުރެއެވެ. ފިނިފެންމަލަކީ ކަށިގިނަ ކުދި ފަތްތަކެއް ހުންނަ ގަހެއް ގޮތަށް ފެނުނު ނަމަވެސް ވެޔޮގަނޑަކަށް އަރައިގެންދާ ގޮތަށްވެސް ހެދޭ ވައްތަރެކެވެ.
ފިޔާތޮށި ފިނިފެންމަލަކީ ދިވެހިރާއްޖޭގެ ގައުމީ މާ ކަމަށް ކަނޑައަޅާފައިވަނީ މީލާދީގޮތުން 25 ޖުލައި 1985 އަދި ހިޖުރީ ގޮތުން 7 ޒުލްގައިދާ 1405 ގައެވެ.
އެންމެ ފުރަތަމަ ފިނިފެންމާ ތައާރަފުވީ ޕާޝިއާގައެވެ. މިހާރު ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް "މަލުގެ ރާނީ"ގެ ނަމުން މަޝްހޫރުވެފައިވާ ފިނިފެންމަލުގެ އުމުރުން 35 މިލިއަން އަހަރު ވެދާނެ ކަމަށް ބައެއް ލިޔުންތައް ބުނެއެވެ. މިއީ ދިވެހީންނަށް ވަރަށް ކަމުދާ، ދިވެހިންގެ ބިމުގައި، ފަސްގަނޑުގައި ވަރަށް ފަސޭހައިން އިންދޭ ވައްތަރެއް ކަމަށް ވާތީ، ދިވެހީންގެ އެއްބަސްވުމާއެކު ރާއްޖޭގެ ގައުމީ މަލުގެ ގޮތުގައި ފިޔާތޮށި ފިނިފެންމާ ވަނީ ކަނޑައެޅިފައެވެ.
ކޮންމެ ބަރިއެއްގައި ފަސް ފިޔަ ހިމެނޭ ފަސްބަރީގެ ފިޔާތޮށި ފިނިފެންމާ އާންމުކޮށް ބޭނުންކުރަނީ ޖަލްސާތައް ޒީނަތްތެރިކުރުމަށާއި ދިވެހިންގެ ތެރޭގައި އިހުގައި އާދަވެގެން ގޮސްފައިވާ ''ގުލްކަދު" އެޅުމަށެވެ. ފޮސްފަރަސް، ކާބޯހައިޑްރޭޓްސް، ދަގަނޑު، ޑައެޓްރީފައިބާ، އަދި ކެލެރީސް އިން މުއްސަނދިވެފައިވާ ފިޔާތޮށި ފިނިފެންމަލުގެ ފިޔަތައް ބޭނުންކޮށްގެން ފަތްޕިލާވެލީގެ ވަރަށް ގިނަ ބޭސްތައް އުފައްދައެވެ.
ފިނިފެންމަލުގެ އެކި ކުލަތަކާއި އެކި ވައްތަރުތައް ހުރި ނަމަވެސް، ދިވެހީންގެ ލޯތްބާއި ގަދަރާއި އިހުތިރާމު އެންމެ ބޮޑަށް ލިބިފައިވާ ވައްތަރަކީވެސް އެމީހުންގެ ފިޔާތޮށި ފިނިފެންމަލެވެ. ބޭރު ގައުމުތަކުން އެތައް ވައްތަރެއްގެ، އެތައް ކުލައެއްގެ ފިނިފެންމާ ލިބުނު ނަމަވެސް، އިތުރު މަސްހުނިކަމެއްނެތި، ރާއްޖޭގައި ހައްދާ މި ގައުމީ މަލުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެތައް ގުނައަކަށް އިތުރެވެ. ސައިޒުން ކިތަންމެ ބޮޑުވެފައި އަތައް ބަރު ފިނިފެންމަލުގެ ވައްތަރުތައް ފިހާރަކުން މިއަދު ލިބޭން ހުރި ނަމަވެސް، ދިވެހީންގެ ގައުމީ މަލުގެ ޝަރަފާއި އޭގެ ހައިބަތު އެހެން އެއްވެސް މަލަކާ އަޅައި ކިޔޭ ވަރަށްވުރެ މާ ބޮޑަށްވެސް މައްޗެވެ. އާނއެކެވެ. މި މަލުގެ ސައިޒު ކުޑަ ނަމަވެސް، ހުރިހާ ދިވެހީން އިއްތިފާގުވާ އެއްކަމެއް އޮވެއެވެ. އެއީ ދިވެހި ފަސްގަނޑުގައި މި ހައްދާ ދިވެހީންގެ ގައުމީ ފިނިފެންމަލުން އެ ދުވާ މީރުވަސް އެހެން އެއްވެސް ފިނިފެންމަލަކުން ނުދުވާކަމެވެ.
ކޮންމެޔަކަސް ރާއްޖޭގެ ގައުމީ މަލަކަށް ފިޔާތޮށި ފިނިފެންމާ ހަމަޖެއްސުމަކީ ދިވެހީންގެ މިޒާޖުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ލޮބުވެތިކަން އަދި ނިޔަނެތިކަމާއި ލޯބިވެތިކަން ރަމްޒުކޮށްދޭ ކަމެކެވެ.
ފިޔާތޮށި ފިނިފެންމާ، ރާއްޖޭގެ ގައުމީ މާ