އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ހޫސީން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަރަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެމިރޭޓްސްއަކީ ސައުދީ އަރަބިޔާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނުގެ މުހިއްމު ބައިވެރިއެކެވެ.
އެމިރޭޓްސްއަށް އަމާޒުކޮށްގެން ހޫސީން ދެމުންދާ ހަމަލާތައް އިތުރުކުރުމާ ގުޅިގެން ކޯލިޝަނުގެ ފަރާތުން ވެސް ވަނީ ޔަމަނުގެ އުތުރުގައި ހޫސީން ކޮންޓްރޯލް ކުރާ ސާދާ ޕްރޮވިންސާއި އަދި ވެރިރަށް ސަންއާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. ވެރިރަށުގެ ކޮންޓްރޯލްވެސް އޮތީ ހޫސީންނަށެވެ. ކޯލިޝަނުން މަސައްކަތް ކުރަނީ ޔަމަނުގެ ވެރިކަމުން ބޭރުކޮށްލެވިފައިވާ ސަރުކާރު އަލުން ގެނައުމަށެވެ. ބައިނަލްއަގުވާމީ ދެނެގަތުން އަދިވެސް އޮތީ އެ ސަރުކާރަށެވެ.
ތިރީގައި މިލިޔަނީ ޔަމަނުގެ ހަނގުރާމަ ގޯހުން ގޯހަށް ފުރޮޅުމަށް މެދުވެރިވާ މައިގަނޑު ބައެއް ސަބަބާއި ދެން ކަންތައް ބަދަލުވެދާނޭ ކަމަށް ލަފާކުރެވޭ ގޮތްތަކެވެ.
ހޫސީން އާއްމު ގޮތެއްގައި މަޝްހޫރުވެގެންވަނީ އަންސާރު ﷲ ގެ ނަމުންނެވެ. އެއީ ޔަމަނުގެ ބައިމަދު ޔަޒީދީ ޝިޔާއިންގެ މަސްލަހަތު ކުރިއަށް ނެރެގެން ހަނގުރާމަ ކުރަމުންދާ ޖަމާއަތެކެވެ. އެ ޖަމާއަތަށް އަސްކަރީގޮތުންނާއި މާލީގޮތުން މަދަދު ކުރަނީ އީރާނުން ކަމަށް ގަބޫލު ކުރެވެއެވެ. ދުނިޔޭގެ ސަމާލުކަމަށް ހޫސީން އައީ 2014 ވަނަ އަހަރުގެ ތެރޭގައި ޔަމަނުގެ ސާދާ ޕްރޮވިންސް ހިފުމުންނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ޔަމަނުގެ ވެރިރަށް ސަންއާ ވެސް ހިފައި ރައީސް އަބްދުރައްބޫ މަންސޫރު ހާދީގެ ސަރުކާރު ފައްސައިލުމުންނެވެ. ރައީސް ހާދީ ހިމާޔަތް ހޯއްދެވީ އަވަށްޓެރި ސައުދީ އަރަބިޔާއިންނެވެ.
ރައީސް ހާދީ މަންސޫރުގެ ސަރުކާރަށް އަލުން ބާރުތައް ހޯދައިދީ އީރާނުގެ ނުފޫޒު ޔަމަނުން ފޮހެލުމުގެ ނިޔަތުގައި ސައުދީ އަރަބިޔާ އާއި އެމިރޭޓްސް އިސްވެ ތިބެގެން އަސްކަރީ އޮޕަރޭޝަނެއް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މި އޮޕަރޭޝަނަށް އެމެރިކާއިން ދިޔައީ ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ފަނާވެގެން ހިނގައްޖެއެވެ. ޔަމަނު މުޅިން ވީރާނާ ވެއްޖެއެވެ. އދ އިން ބުނާގޮތުގައި ޔަމަނުގެ މައްސަލަޔަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއެވެ.
މިދެންނެވި ކެމްޕޭނު ފެށުމާއެކު ހޫސީންވެސް ވަނީ ސައުދީ އަރަބިޔާ އާއި އެމިރޭޓްސްއަށް އެމީހުންނަށް ދެވުނު ގޮތަކުން ހަމަލާތައް ފޮނުވަން ފަށައިފައެވެ. ޚާއްސަ ގޮތެއްގައި ސައުދީ އަރަބިޔާއަށެވެ. މި އޮޕަރޭޝަނުގެ ކުރީކޮޅު އެމިރޭޓްސްއަށް ހަމަލާތަކެެއް ދީފައި ފަހުން އެކަން ނިމުމަކަށް ގެނެސްގެން އަހަރުތަކެއް ވަންދެން ތިބުމަށްފަހު މިހާރު އަނެއްކާވެސް އެމިރޭޓްސްއަށް ހަމަލާތައް އަމާޒުކުރުން ވަރުގަދަކޮށް އިތުރުކުރީއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އަމާޒުކޮށް ހޫސީން އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވައިލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޔަމަނުގެ ހުޅަނގު އުތުރުން ރަތްކަނޑުގެ އައްސޭރީގައިވާ ބަނދަރެއް ކަމަށްވާ ހުދައިދާ ހިފުމުގެ އޮޕަރޭޝަނުގައި އެމިރޭޓްސްގެ މަދަދު ލިބޭ ފައުޖުތަކުން ހޫސީންނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. ޔަމަނުގައި އެމިރޭޓްސްއިން ހިންގި އަސްކަރީ ހަރަކާތްތައް 2019 އިން ފެށިގެން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އެހެންނަމަވެސް އެމިރޭޓްސްއިން ތަމްރީނުކޮށް ހަތިޔާރުދީ އެހީތެރިވާ ހަނގުރާމަވެެރިންގެ އަދަދު ޔަމަނުގައި އަދިވެސް ވަރަށް ގިނައެވެ. އެމިރޭޓްސްއިން ވާގިވެރިވާ މީހުންގެ ތެރޭގައި ޔަމަނުގެ ކުރީގެ ރައީސެއް ކަމުގައިވާ އަލީ އަބްދު ﷲ ސާލިހަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްގެ ކޮމާންޑުގެ ދަށުން ހަރަކާތްތެރިވާ ޖަމާއަތަކާއި ޔަމަނުގެ ދެކުނުން އަދަނުގައި ހަރަކާތްތެރިވާ ސަދަން ޓްރާންސިޝަނަލް ކައުންސިލޭ ކިޔުނު ޖަމާއަތެއް ހިމެނެއެވެ.
މިދެންނެވި ސަދަން ޓްރާންސިޝަނަލް ކައުންސިލަކީ ސައުދީން މަދަދުކުރާ އެހެނިހެން ޖަމާއަތްތަކާ ވެސް ދެކޮޅު ބައެކެވެ. އެހެންކަމުން މި ޖަމާއަތުގެ މައްސަލައިގައި ކޯލިޝަނުގެ ތެރޭގައިވެސް ކޯޅުންތައް ބޮޑެވެ. އެމިރޭޓްސްގެ އަސްކަރީ އެހީ ލިބިގެން މި ޖަމާއަތުން ވަނީ 2019 ވަނަ އަހަރު އަދަންވެސް ހިފައިފައެވެ. އަދަނަކީ ވެރިރަށް ސަންއާއިން ބޭރުކޮށްލެވުނު ސަރުކާރު ވަގުތީ ގޮތުން އެހާތަނަށް ގާއިމުވެފައި އޮތް ސަހަރެވެ. ޔަމަނުގެ ދެވަނައަށް އެންމެ ބޮޑު ސަހަރެވެ. އެމިރޭޓްސްގެ މަދަދު ލިބޭ ފައުޖުތަކުން ހަނގުރާމައިގެ މައިދާނުގައި ހޫސީންނާ ސީދާ ގޮތެއްގައި 2018 ވަނަ އަހަރުގެ ފަހުން ކުރިމައްޗެއް ނުލައެވެ. އެހެންނަމަވެސް އެމިރޭޓްސްއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާގެ ވާރޭ ވެއްސަން ހޫސީން އަލުން ފެށީމާ މަންޒަރު ދެން ދާނީ ބަދަލުވަމުން ފުރޮޅެމުންނެވެ. ލޭއޮހޮރުވުންތައް އިތުރުވެ ހަނގުރާމައިގެ މައިދާން ދާނީ ފުޅާވަމުން ބިރުވެރިވަމުންނެވެ.