ޚަބަރު

ރާއްޖޭގެ އިންފްލޭޝަން ރޭޓު މައްޗަށް

އަލީ ޔާމިން

ރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.02 ޕަސަންޓް މަތިވެއްޖެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓީކްސް އިން އާންމުކުރާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައިވާ ގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.07- ޕަސަންޓެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންފްލޭޝަން ހުރީ 0.12 ޕަސަންޓުގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2020ގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.02 ޕަސަންޓް މައްޗަށް ގޮސްފައެވެ. އަދި 2020ގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅައި ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 0.13 ޕަސަންޓް މައްޗަށް ގޮސްފައެވެ.

ޑިސެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވަނީ މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިންނާއި މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި ލެބޯޓަރީ ޓެސްޓުތަކާއި ފައިވާނާއި ބޫޓުގެ އިތުރުން އިންޓަނެޓުގެ ހިދުމަތުގެ ބައިންނެވެ.

ޑިސެމްބަރު މަހު އަގުތައް އުފުލިފައިވަނީ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ބައިންނާއި ކުލީގެ އަގުތަކާއި ބޭހުގެ ބާވަތްތަކާއި ދުފުމަށް ބޭނުންކުރާ ބާވަތްތަކުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކާބޯތަކެތީގެ އިންފްލޭޝަން ވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު މިދިޔަ ޑިސެންބަރު މަހު 2.27 ޕަސަންޓު އުފުލިފައެވެ.