ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސްރީލަންކާގެ އާ ސަފީރު މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ ލަންކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސް އާއި ލަންކާގެ ސަފީރު ތަފާތު މައުޟޫއުތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އެގޮތުން އިގުތިސާދީ ގުޅުން ވަރުގަދަކުރުމާއި ތައުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުން ފަދަ މައުޟޫއުތައް ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖެއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މައާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ލަންކާގެ ސަރުކާރުން ނިންމަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަކީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ ލަންކާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުވާލައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސްއާއި ލަންކާގެ ސަފީރުގެ ވާހަކަ ނިންމަވައިލެއްވީ ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1965 ގައެވެ.