ފުލޫ ކުލިނިކަށް ދައްކާ މީހުން ޕޮޒިޓިވް ވާ ރޭޓު އިތުރުވެ ރ. އިނގުރައިދޫ މޮނިޓަރިންއަށް ލައިފިއެވެ.

އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި މިހާރު 30 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރެއިން 24 މީހަކީ ބަލިގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ތިން ޓީޗަރަކުވެސް ހިމެނޭ ކަމަށެވެ.

"ޗުއްޓި ނިންމާފަ ރަށުން މާލެ ދިޔަ މީހުން އަލުން އައި ފަހުން ބޮޑަށް މި ފެތުރެން ފެށީ. ރަށުތެރޭގަ ވަރަށް ބޮޑަށް ރޯގާ ފެތުރެމުންދަނީ. އަނެއްހެން ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު." އޭނާ ވިދާޅުވި އެވެ.

ސްކޫލް ޓީޗަރުންނާއި ދަރިވަރުންތަކެއް ޕޮޒިޓިވް ވުމާ ގުޅިގެން ސްކޫލް ބަންދުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުނު ނަމަވެސް ރަށް މޮނިޓަރިންއަށް ނުލާތީ އެކަން ކޮށްދެވެން ނެތް ކަމަށް އެޑިއުކޭޝަނުން އަންގާފައިވާ ކަމަށްވެސް ޖަލީލް ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ އަދި މިހާތަނަށް ރެންޑަމްކޮށް ސާމްޕަލް ނުނެގި ނަމަވެސް ކުރިއަށް އޮތްތާނގައި ނަގާނެ ކަމަށެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު އަތޮޅުތަކުންވެސް މީހުން ޕޮޒިޓިވްވާ އަދަދު ދެހާހުން މައްޗަށް ވަނީ އަރާފަ އެވެ. މިހާރުވެސް 34 ރަށެއް ވަނީ މޮނިޓަރިން އަށް ލާފައެވެ.