މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި އެމީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 11:00 އަށެވެ. ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ކުރިމިނަލް ކޯޓުން ވަން އަށް ވިދާޅުވީ، އެ އަޑުއެހުން ސިއްރު ކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކޯޓަކުން ނުބުނެއެވެ.
ދެހާސް ސަތާރަވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފާއި ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އާއި ހަމަ އެރަށު އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.
އެ މައްސަލައިގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި އޮފީހެއް ބަލައި ފާސްކޮށް ބޮން ހެދުމަށް ބޭނުންކުރާ ބައެއް ތަކެތި ހޯދައި، އެ ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ބަލައި ފާސް ކޮށްފައިވަނީ މއ. ކިނާރާހައުސް އާއި، އެނބޫގޯޅީގައި ހުންނަ އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޮފީހާއި، މއ. ނަމޫނާ ގެ އެވެ.
އެތަންތަން ބަލައިފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަ ގޮތުގައި އެ މައްސަލައަކީ ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެކެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެތަންތަން ބަލައިފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށް ރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށެވެ.
އެ އޮޕަރޭޝަންގައި ދޮރު ވައްޓާލައިގެން އެޓިކް ޕްރައިވެޓް ލިމިޓެޑް އޮފީހަށް ފުލުހުން ވަންއިރު، ތިން މީހަކު ގޮވާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެތަނުގެ ތެރެއިން ގޮވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލް، ޓްރައިނައިޓްރޯޓޮލުއީން (ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން އަތުލައިގަތް ކަމަށް އޭރުގެ މީޑިއާ ރިޕޯޓްތަކުގައި ވެއެވެ. އަދި މއ. ނަމޫނާގެ ބަލައިފާސްކޮށް އެތަނުގެ ތެރެއިން ވެސް ފުޅިތަކާއި ދަޅުތަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ޓީއެންޓީ އަތުލައިގަނެފައިވާ ކަމަށާއި، ބަލައި ފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝަރު ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު