މުނިފޫހިފިލުވުން

ބިގްބޮސް15 ތެޖާސްވީ ޕްރަކާޝް ކާމިޔާބުކޮށްފި

ކަލާސްޓީވީން ދައްކަމުންގެންދިޔަ ބިގްބޮސް 15 ގެ ޝޯ ތެޖާސްވީ ޕްރަކާޝް ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ ޓީވީ ސީރީސް ''ސްވަރާގިނީ'' އިން މަޝްހޫރުވެގެން ދިޔަ ބަތަލާ ތެޖާސްވީ ވަނީ ރޭ ކުރިއަށްދިޔަ ބިގްބޮސް15 ގްރޭންޑް ފިނާލޭގައި ޓްރޮފީ އުފުލައިލައިފައެވެ. ޓްރޮފީއާއެކު ތެޖާސްވީއަށް ވަނީ 40 ލައްކަ އިންޑިއާ ރުޕީސްގެ ފައިސާގެ އިނާމުވެސް ލިބިފައެވެ. މީގެ އިތުރުން ކަލާސް ޓީވީގެ މަގުބޫލު ޓީވީ ސިލްސިލާ ''ނާގިން'ގެ ހަ ވަނަ ސީޒަންގެ ލީޑު ރޯލުވެސް ތެޖާސްވީއަށް ލިބިފައިވާކަން ވަނީ ރޭ އިއުލާނުކޮށްފައެވެ.

ބިގްބޮސް ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ބައިވެރިންގެ ތެރޭގައި ރަޝަމީ ދެސާއި، ނިޝާންތު ބަޓް، ޝަމީތާ ޝެޓީ، ޕްރަތީކް ސެހަޖްޕަލް އަދި ތެޖާސްވީ ޕްރަކާޝް ހިމެނެއެވެ. ފިނާލޭއިން އެންމެ ފުރަތަމަ ކަޓައިގެން ގޮސްފައިވަނީ ރަޝަމީ އެވެ. ނިޝާންތު ވަނީ ފައިސާގެ އިނާމު ހިޔާރުކޮށްގެން ޝޯ އިން ވަކިވާން ލިބުނު ފުރުސަތުގެ ބޭނުން ހިފައި 10 ލައްކަ އިންޑިއާ ރުޕީސްއާއެކު ވަކިވެފައެވެ. އެއަށްފަހު ދެން ޝޯއިން ކަޓައިގެން ގޮސްފައިވަނީ ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ޝަމީތާ ޝެޓީ އެވެ. ޝަމީތާ އަދި ތެޖާސްވީ އަކީ ބިގްބޮސް ގައި އެންމެ ވާދަވެރި ދެ ބައިވެރީންނެވެ. ބިގްބޮސް ޝޯގެ ތެރެއިން ލޯބީގެ ގޮތުން ގުޅުނު ތެޖާސްވީގެ ބައިވެރިޔާ ކަރަން ކުންދުރާ ވަނީ ޝޯގެ ތިންވަނައަށް ގޮސްފައެވެ. ޕްރަތީކް ސެހަޖްޕާލް ރަނަރަޕަށް ހޮވިގެން ގޮސްފައިވާއިރު ބިގްބޮސް ކާމިޔާބު ކުރުމުގެ ނަސީބު ލިބިގެން ގޮސްފައިވަނީ ތެޖާސްވީއަށެވެ. ޕްރަތީކް ސެހަޖްޕާލް ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ބިގްބޮސް އޯޓީޓީގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.

ގްރޭންޑް ފިނާލޭގައި ބޮލީވުޑް ތަރިން ދީޕިކާ ޕަދުކޯ، އަނާންޔާ ޕާންޑޭ އަދި ސިދާތު ޗަޓުރްވެދީ ވަނީ ފިލްމު ''ގެހެރާއިޔާ'' ޕްރޮމޯޓުކުރުމުގެ ގޮތުން ބައިވެރިވެފައެވެ.

ފިނާލޭގައި ކުރީ އަހަރުތަކުގެ ބިގްބޮސް ޝޯގެ ބައިވެރީންގެ ތެރެއިން ގޯހަރް ހާން، އުރްވަޝީ ދޮލާކިޔާ، ގޯތަމް ގުލާޓީ، ރުބީނާ ދިލަކް އަދި ޝްވެތާ ތިވާރީވެސް ވަނީ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައެވެ.

ގްރޭންޑް ފިނާލޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ ބިގްބޮސް 13 ކާމިޔާބުކުރި އަދި މިހާރު މަރުވެފައިވާ ސިދާތު ޝުކްލާ އަށް ޝެހެނާޒް ގިލް ދިން ޓްރިބިއުޓް ހުށަހެޅުމެވެ. ޝެހެނާޒް އަދި ސިދާތު އަކީ ބިގްބޮސް 13 ގައި އެކުގައި ވާދަކޮށް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. ސިދާތުގެ މަރަށްފަހު ސްޓޭޖުން ފުރަތަމަ ފަހަރަށް ސަލްމާން ހާން އާއި ޝެހެނާޒް ބައްދަލުވުމުން ދެމީހުންގެ ލޮލުންވެސް ވަނީ ކަރުނަ ހިލިގެން ގޮސްފައެވެ.