ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މެރިން އަދި ޓެރެސްޓްރިއަލް ސާވޭސް އާއި ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މެރިން ސާވޭގެ މަސައްކަތް ނިންމާލައިފިއެވެ.

މެރިން ސާވޭގައި ތެރޭގައި ހިމެނެނީ މަހުގެ ސެންސަސް އާއި ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަންގެ ކޮލިޓޭޓިވް އެނޭލިސިސް އާއި މެރިން ވޯޓާ ސާމްޕްލިންނެވެ. ޓެރެސްޓްރިއަލް ސާވޭ ތެރޭގައި ހިމެނެނީ ސްޓޭކްހޯލްޑަރުންނާ ކޮންސަލްޓްކުރުމާއި ވެޖިޓޭޝަން ޓްރާންސެކްސްޓް އާއި ބީޗް ޕްރޮފައިލް ކުރުމާއި ޝޯލައިން އެނެލައިޒް ކުރުމެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ ރ. އަލިފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މެރިން އާއި ޓެރެސްޓްރިއަލް ސާވޭގެ މަސައްކަތް ކަމަށެވެ.

ދަރަވަންދޫ އާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި ލުމާއި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 99.39 މިލިއަން ރުފިޔާއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 800,10 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 490 މީޓަރު ބޭރުތޮށި ލުމާއި 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އެ މަޝްރޫއުގެ އަގަކީ 14.22 މިލިއަން ރުފިޔާއެވެ.