ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑު ބަލިން ފަސޭހަވުމުން ކަރަންޓީނުން ދޫކޮށްލައްވައިފިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑުއަށް ވަޑައިގަތުމަށް ޕީސީއާރު ޓެސްޓު ހެއްދެވުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އަމަލު ކުރަމުން އަންނަ އުސޫލު ބުނާގޮތުން ކޮވިޑަށް ޕޮޒިޓްވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ، އެމީހަކު ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށާއި ނަމަވެސް ބަލީގެ އަލާމާތެއް ހުރި ނަމަ، ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް ބުނެފައިވެއެވެ.

ރައީސް ސޯލިހު ޕޮޒިޓިވްވިތާ، އިއްޔެއަށް ވަނީ ހަތް ދުވަސް ހަމަވެފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ރައީސް ސޯލިހު ބަލިން ފަސޭހަވެއްޖެ ކަމަށެވެ. އަދި މިވަގުތު އެއްވެސް އަލާމާތެއް ނެތް ކަމަށާއި އެހެންކަމުން ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝޮލޫ، ރައީސް ސޯލިހުގެ އަރިހަށް މާދަމާ އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.