ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 478 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް މިއަދު އާންމުކޮށްފައިވާ އިރު، ހިސާބުތައް ދައްކާ ގޮތުން އެ ކުއާޓަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލައި އިރު، 31 ޕަސެންޓުގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާރުގައި އެސްޓީއޯއަށް ލިބިފައި ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ އެއް ކުއާޓަރުން އަނެއް ކުއާޓަރަށް ޖުމުލަ އާމްދަނީވެސް އިތުރު ކުރެވިފައިވާ ކަމަށެވެ.
އޭގެ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ ބަލައި 26 ޕަސެންޓް އިތުރުވުމާއި، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ދިހަ ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލައި އިރު، 41 ޕަސެންޓުގެ ކުރިއެރުމެކެވެ. 2020 ވަނަ އަހަރު އެސްޓީއޯއަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާއެވެ.
ހިސާބުތައް ދައްކާ ގޮތުން، ކުންފުނީގެ ޖުމުލަ އާމްދަނީ އިތުރުވުމާއެކު ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ.
އެސްޓީއޯ އިން ބުނީ، ޖުމުލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 628 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު 20 މިލިއަން ކުޑަކުރެވިފައިވާ ކަމަށް ބުންޏެވެ.
ހިސާބުތައް ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯއަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 571 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓެކުހަށް ކެނޑުމަށްފަހު ލިބިފައިވަނީ 478 މިލިއަން ރުފިޔާއެވެ.
އެސްޓީއޯ އިން ބުނީ، އޭގެ މައިގަނޑު ސަބަބަކީވެސް ކުންފުނީގެ ޖުމުލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ހަރަދު އެއްވަރެއްގައި ހިފެހެއްޓުމާއި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަވުން ކަމަށެވެ.
- 2021 ކުއާޓަރު 1: 109 މިލިއަން ރުފިޔާ
- 2021 ކުއާޓަރު 2: 110 މިލިއަން ރުފިޔާ
- 2021 ކުއާޓަރު 3: 129 މިލިއަން ރުފިޔާ
- 2021 ކުއާޓަރު 4: 131 މިލިއަން ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު