ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވާ ނަމަ, އެތަން ވަގުތީ ގޮތުން ހުޅުވައި ނަމާދު ކުރަން ފަށަން ވިސްނަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ސައޫދީ ރަސްގެފާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާއެކުއެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް ހަ ބުރިއަށް ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، މިދިޔަ ދެ ރޯދަ މަހުގެ ކުރިންވެސް އެ މިސްކިތް ހުޅުވަން ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް އެތަން ހުޅުވައި, ނަމާދުކުރަން ފަށައިފައެއް ނުވެއެވެ.
ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނަނީ, އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި އެބޭފުޅުންގެ ވެސް ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުން ވުމެވެ.
މިއަހަރުގެ ރޯދަ މަހަށް އެ މިސްކިތުގައި ނަމާދު ކުރެވޭނެތޯ "ވަން" އިން ސުވާލުކުރުމުން މިނިސްޓަރު މިއަދު ވިދާޅުވީ, މިސްކިތް ހުޅުވުމަށް ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު, މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މިސްކިތް ހުޅުވުމުގެ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީގެ ވަފުދުގެ ބޭފުޅުން, އެގައުމުގެ ރަސްގެފާނަށް އަރުވާފައިވާ ކަމަށެވެ.
ނަމަވެސް އެ ވަފުދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދިވެސް ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ, މިސްކިތް ހުޅުވުން ލަސްވާ ނަމަ, އެތަން ވަގުތީ ގޮތުން ހުޅުވައި, ނަމާދު ކުރަން ފެށުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
ސައުދީގައި އިނގިރޭސި ބަހުން ނެރެމުން އަންނަ ނޫހެއް ކަމަށްވާ, އަރަބް ނިއުސްއަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން, ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު