އއ. ހިމަންދޫގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް، ހުޝާމް އިސްމާއީލް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިރޭ 10:00 ހާއިރު އެރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ 12 އަހަރުގެ ކުއްޖަކު ދުއްވާފައި އައި ބައިސްކަލަކާއި ސައިކަލެއް ޖެހިގެން ކަމަށާއި އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި ދެ ފިރިހެނުން ތިބި ކަމަށް ހުޝާމް ވިދާޅުވިއެވެ.
"މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނޭ އެކުއްޖާ ދިޔައީ ވަރަށް ދުރަށް ވިއްސައިގެންނޭ ސައިކަލުގައި ޖެހިފައި،" ހުޝާމް ވިދާޅުވިއެވެ.
އެ އެކްސިޑެންޓުގައި ބައިސްކަލުގައި އިން ކުއްޖާ އާއި ސައިކަލު ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
ހިމަންދޫ ހެލްތު ސެންޓަރުގެ ޑޮކްޓަރު މުސްތަފީޒް ޝަމްސް ސޫދުރީ "ވަން" އަށް މިރޭ ވިދާޅުވީ 12 އަހަރުގެ ކުއްޖާ ފަރުވާ ދިނުމަށް ހެލްތު ސެންޓަރަށް ގެނައިި އިރުވެސް އޮތީ ހޭނެތިފައި ކަމަށާއި އެކުއްޖާގެ ބޮލުގެ ފުއްކިބަ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އަދި ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި ނޭފަތުން ލޭ އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ދެތިން ފަހަރެއްގައި ހޮނޑުވެސް ލައިފި، އެކުއްޖާގެ ހާލަތު ގޯސް،" ޑރ. މުސްތަފީޒް ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ދެ ލޯ ވަރަށް ބޮޑަށް ދުޅަވެ، އަނގައިގެ ދަތެއް ބިންދައިގެންގޮސްފައިވާ ކަމަށާއި އޭނާގެ ގައިގެ އެކިތަންތަންވެސް މަށައިގެންގޮސްފައިވާ ކަމަށް ޑރ. މުސްތަފީޒް ވިދާޅުވިއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ އާއި ޒުވާނާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު