ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ހިނގައްޖެއެވެ.

މިކަން ހާމަ ކޮށްފައިވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ބުނީ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަންގެ މިދިޔަ 2021 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގެ ނަތީޖާ އިން ރާއްޖެ ތިން ޕޮއިންޓް ދަށަށް ވެއްޓިފައިވާ ކަމަށް ހިމަނާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާގޮތުން 2020 ވަނަ އަހަރު ސީޕީއައި އިން ރާއްޖެއަށް 43 ޕޮއިންޓް ލިބި 180 ގައުމުގެ ތެރެއިން 75 ވަނަ ލިބުނު ނަމަވެސް، 2021 ވަނަ އަހަރު ލިބިފައިވަނީ 40 ޕޮއިންޓެވެ. އެހެންކަމުން ރާއްޖެއަށް ލިބިފައިވަނީ 85 ވަނަ އެވެ. އެއީ 2020 ވަނަ އަހަރު ރާއްޖެ އޮތް މިންވަރަށްވުރެން 10 ދަރަޖައިގެ ވެއްޓުމެކެވެ.

ސީޕީއައި އަކީ 180 ގައުމެއްގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން ހިމެނޭވަރު ބެލުމަށް ހަދާފައިވާ ސާވޭތަކާއި ހޯދުންތަކުގެ މައްޗަށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ ހިންގުމުގެ ނިޒާމު ކުރިއަރާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް، ހަދާފައިވާ ގާނޫނުތައް ތަންފީޒު ކުރުމާއި އެ ގާނޫނުތަކަށް އަމަލުކުރުމުގައި ފަހަތަށް ޖެހޭ ކަމަށެވެ. މީގެ އިތުރުން މައްސަލަތަކުގެ ތަހުގީގު ކުރުމާއި ދައުވާކޮށް، ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ސީޕީއައިގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވާއިރު، ކޮރަޕްޝަންގެ ކަންތައް ބަލައި ޒިންމާދާރުކުރަން އޮންނަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް އޮތީ ހުސްކޮށެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ މިމަހު 30 ވަނަ ދުވަހަށެވެ.

އޭސީސީގެ ހުރިހާ މެންބަރުން ކޮޝަނުން އިސްތިއުފާ ދެއްވީ، އެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ.