އަނބިމީހާއަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ދަމަހައްޓަން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ހައި ކޯޓުން މިއަދު ހުކުމްކުރީ ނ.ލަންދޫ، ހިތްފަސޭހަގެ އަހުމަދު އިނާޒު އަލުން ހައްޔަރު ކުރުމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިނާޒު ވަނީ އޭނާގެ އަނބިމީހާ ގައިގައި ޖަހައި އަނިޔާކޮށް މަރާލާނެ ކަމަށްބުނެ އިންޒާރުދީފައެވެ. އިނާޒުގެ ފަރާތުން ތަކުރާރުކޮށް އަނިޔާ ލިބެމުންދާތީ އަނބިމީހާ ވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ. އަނބިމީހާ އެދުނު ގޮތަށް އަމުރު ނެރެފައިވަނިކޮށް އިނާޒު ވަނީ އޭނާގެ އަނބިމީހާ އުޅޭ ގެއަށްވަދެ އެ އަމުރު އިރާލައިފައެވެ.

އަމުރު އިރާލި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު 15:16 ގައި ފުލުހުން ވަނީ އިނާޒު ހައްޔަރުކޮށްފައެވެ. އިނާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ބަންދުގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އިނާޒު ހައްޔަރުން ދޫކޮށްލައިފައެވެ. ފުލުހުންގެ ހައްޔަރުން ދޫވުމުން ވެސް އިނާޒު ވަނީ އަނބިމީހާއަށް އުނދަގޫކޮށްފައެވެ. އެހެންވެ ފުލުހުން ވަނީ މައްސަލައިގެ ހެކި ނައްތާލަން އުޅޭކަމުގެ ތުހުމަތަށާއި މުޖުތަމައަށް އިނާޒުގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އޭނާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފައެވެ. އަދި ކުޅުދުއްފުށީ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ އަމުރު ހަތް ފަހަރެއްގެ މަތިން މުރާޖައާ ކުރުމަށް ފަހުވެސް ބަންދު އެގޮތުގެ މަތިން ދެމެހެއްޓުމަށް ކޯޓުން ނިންމިއެވެ. އެފަހަރު ހައްޔަރުކޮށް ފުލުހުން ވަނީ އިނާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އޭނާގެ ބަންދު މުރާޖާ ކުރުމަށް އެދި އަށް ވަނަ ފަހަރަށް މި މަހު ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން ލަންދޫ ކޯޓަށް ހުށަހެޅުމުން އޭނާ ދޫކޮށްލި އެވެ. އެގޮތަށް އަމުރުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

ލަންދޫ މެޖިސްޓްރޭޓު ކޯޓުން އެގޮތަށް އަމުރުކުރީ އެމައްސަލައަކީ ދެ މަފިރިންގެ މެދުގައި ހިނގާފައިވާ ކަމަކަށްވެފައި މިހާރު އެ ދެމީހުންނަކީ ދެމަފިރިން ކަމުގައިނުވާތީއެވެ. އަދި މީގެ ކުރިން އިނާޒުގެ ކުށެއްގެ ރެކޯޑެއް ނެތުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީއެވެ. ނަމަވެސް ޕީޖީން ވަނީ މިއަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމުން އިނާޒުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އޭނާ ދޫކޮށްލި ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ތަހުގީގުކުރާ މައްސަލައިގެ ހެކި ނައްތާލަން ވެސް މަސައްކަތް ނުކުރާ ކަމަށެވެ.

އޭނާއަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއް ނޫން ކަމަށާއި މައްސަލަ ސާބިތުވެއްޖެނަމަ އެއީ އޭނާ ކުރި ފުރަތަމަ ކުށް ކަމުގައި ވާނެ ކަމަށެވެ. އަދި އެ މައްސަލަ ފިޔަވައި އެހެން އެއްވެސް މައްސަލައެއްގެ ރެކޯޑު ނޯންނާނެ ކަމަށް އިނާޒުގެ ފަރާތުން ވަނީ ބުނެފައެވެ.

އިނާޒު އިތުރަށް ބުނީ އަނބިމީހާ މިހާރު ވަރިކޮށްފައިވާ ކަމަށާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އިނާޒުގެ ފަރާތުން ހައި ކޯޓުގައި އެދިފައިވަނީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ދައުލަތުން ވިދާޅުވެފައިވަނީ އިނާޒުގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށެވެ. އަދި އިނާޒު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި އަނިޔާ ލިބުނު ފަރާތުގެ ރައްކާތެރިކަން ނެތްކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ވަނީ ފާހަގަކުރައްވައިފައެވެ.

އިނާޒު ގަސްދުގައި މަރާލަން އުޅެފައިވަނީ އޭނާގެ އެއިރުގެ އަނބިމީހާ އަދި އޭނާގެ ދަރިފުޅުގެ މަންމަ ކަމަށެވެ. އިނާޒުގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ހޯދުމުން، އިނާޒު އެއަމުރާވެސް ހިލާފު ވެފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައިއެވެ.

ދައުލަތުން ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހަޅައި ހިނގަމުން ދަނިކޮށް މައްސަލައިގައި އަނިޔާ ލިބުނު މީހާ ވަރިކޮށްފައި ވީނަމަވެސް އެ ދެމީހުންގެ 10 އަހަރުގެ ފިރިހެން ދަރިއެއް ހުރުމާއެކު ދަރިފުޅު މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކުން ވެސް އިނާޒުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް އިނާޒު ހައްޔަރުކުރުމުގެ އަމުރެށް ނެރެ ދިނުމަށެވެ.

އެމައްސަލައިގައި ހައި ކޯޓުން މިއަދު ހުކުމްކުރީ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށް އިނާޒު ހައްޔަރު ކުރުމަށެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ހުކުމްކުރީ އިނާޒުގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް ރައްކާތެރިކަން ކަށަވަރުވެފައި ނުވާތީ އާއި އިނާޒުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުންނެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސެއިން ޝަަހީދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުސެއިން މަޒީދުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.