މެޑިކަލް އޮފިސަރުންނާއި، ސާމްޕަލް ނަގާނެ މުވައްޒަފުންގެ އިތުރުން ސަޕޯޓް ސްޓާފުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ބޭނުންވާ މެޑިކަލް އޮފިސަރުންނާއި، ސާމްޕަލް ނަގާނެ މުވައްޒަފުންގެ އިތުރުން ސަޕޯޓް ސްޓާފުގެ ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ އެޗްއޯސީ އަށް މެޑިކަލް 10 އޮފިސަރުން ބޭނުންވާ ކަމަށެވެ. މެޑިކަލް އޮފިސަރުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީނުވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަންތައް ހަދައިދީ، އެމީހުނަށް ފަރުވާ ދިނުމަށް ވަގުތީ ގޮތުން އެޗްއީއޯސީގައި މަސައްކަތް ކުރާ މީހުންނެވެ. މެޑިކަލް އޮފިސަރުންގެ މުސާރައަކީ 24،240 ރުފިޔާ އެވެ.

ސާމްޕަލް ނަގާ މީހުންގެ ގޮތުގައި 60 މުވައްޒަފުން ބޭނުންވާ ކަމަށް އިއުލާނުގައި ބުނެފައިވާއިރު އެމީހުންގެ މުސާރައަކީ މަހަކު 7500 ރުފިޔާ އެވެ. އަދި ސަޕޯޓް ސްޓާފުންގެ ގޮތުގައި 10 މީހުން ބޭނުންވާއިރު، އެ މީހުންގެ މުސާރައަކީ ވެސް 7،500 ރުފިޔާ އެވެ.

ބޮޑު މުސާރައަށް މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައިވާއިރު މިވަގުތު ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ 2000 އިން މައްޗަށް އަރާފަ އެވެ.