ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހި ރައްޔިތުންނަށް އުފަންވާ ކުދީން ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަދައިފިއެވެ.

އެކަމާ ގުޅިގެން، ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދީން ރަޖިސްޓްރީކުރުން ލާޒިމުވާ އުސޫލެއް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އާއްމު ކޮށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށައިފައެވެ.

އެ އުސޫލުގައި ވާގޮތުން އެފަދަ ކުދިން ރަޖިސްޓްރީކޮށްދެވޭނީ، އެ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިޔަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށް، އެ މައްސަލަ ކޯޓަށް ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.

އެ މައްސަލައިގައި ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވާ އޮފް އެޓާނީއެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީ ކުރުމަށާއި އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅަންވާނެ ކަމަށްވެސް އުސުލުގައި ބުނެފައިވެއެވެ.

ކުއްޖާގެ އުފަންވުން ރަޖިސްޓްރީ ކުރުމަށްފަހު، "ގެމެން ޕޯޓަލް" މެދުވެރިކޮށް އެ މައުލޫމާތު ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހަޅަންވާނެ ކަމަށާއި، އުފަންވުން ރަޖިސްޓްރީ ކުރުމަށްފަހު، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކުއްޖާގެ އުފަންދުވަހުގެ ސެޓުފިކެޓު، އެ ކައުންސިލުން ހަދައިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޭރު ގައުމުތަކުގައި ހިންގާ ހަނގުރާމައިގައި ބައެއް ދިވެހިން ބައިވެރިވެ، އެ ސަރަހައްދުތަކަށް ބައެއް ދިވެހިންނަށް ކުދިން އުފަންވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަނގުރާމަޔަށް ދާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިނަމަވެސް، އެ ސަރަހައްދުތަކަށް އުފަންވާ ކުދީން ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމުން އެކަން ހައްލު ކުރުމަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް، މަޖިލިސް މެދުވެރިކޮށް ސަރުކާރުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

އެގޮތުން މި އުސޫލަކީ އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ އުސޫލެކެވެ.