އިންޑިއާ ކަނޑުގައި ކަންނެލި މަސްވެރިކަން ރެގިއުލޭޓްކޮށް, ބަލަހައްޓާ ޖަމިއްޔާ, ދަ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން, މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރީނދޫ އުރަހަ ކަންނެލި އެންމެ ގިނައިން ބޭނޭނެ ގައުމަކަށް ރާއްޖެ ކަނޑައަޅައިފިއެވެ.
އެ އަދަދު މިމަހުގެ ކުރީކޮޅު ކަނޑައަޅައި އިއުލާނު ކުރި އިރު, އައިއޯޓީސީގެ މެންބަރު ގައުމުތަކަށް މިއަހަރު ބޭނޭނެ އަދަދެއް ކަމަށް ކަނޑައަޅާފައި ވަނީ 287,140 މެޓްރިކް ޓަނެވެ. އަދި ވަކިވަކި ގައުމުތަކަށް ބޭނޭނެ އަދަދު ކަނޑައަޅާފައިވާ އިރު, ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފިޔަވައި އެންމެ ބޮޑު ކެޗް ލިމިޓެއް ކަނޑައަޅާފައި ވަނީ ރާއްޖެއަށެވެ. އެއީ 47,195 ޓަނެވެ. އީޔޫއަށް ކަނޑައަޅާފައިވާ އަދަދަކީ 73,146 ޓަނެވެ.
ދެން އެންމެ ބޮޑު ކެޗް ލިމިޓެއް ކަނޑައަޅާފައި ވަނީ ރާއްޖެއާ އެންމެ ކައިރިން ލަންކާއަށާއި ސީޝެލްސްއަށެވެ. ލަންކާއަށް ކަނޑައަޅާފައި ވަނީ 31,066 ޓަނެވެ. ސީޝެލްސްއަށް 30,359 ޓަނެވެ.
ރީނދޫ އުރަހަ ކަންނެލި ބޭނުމުގައި ވަކި ލިމިޓެއް ކަނޑައެޅީ, އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އިތުރުކުރުމަށް އައިއޯޓީސީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފާސްކުރި ގަރާރަކުންނެވެ.
އެގޮތުން އައިއޯޓީސީން ކެޗް ލިމިޓު ކަނޑައެޅުމުގައި ބަލަނީ އޭގެ ކުރީ އަހަރު މެންބަރު ގައުމުތަކުން މަސް ބޭނި އަދަދަށެވެ. އެގޮތުން މިދިޔަ އަހަރު ތަފާސްހިސާބު ލިބޭނީ މި އަހަރުގެ ޖޫން މަހު ކަމަށް ވުމުން، މިއަހަރަށް ލިމިޓު ކަނޑައެޅީ 2020ގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހުއެވެ. އަދި މިއަހަރުގެ ކެޗް ލިމިޓް ބަދަލުވުމުގެ ފުރުސަތު އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު