މުނިފޫހިފިލުވުން

ދަނުޝް އަދި އައިޝްވަރިޔާ ރަޖްނީކާންތުގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް

ދެކުނު އިންޑިއާގެ ސުޕަސްޓާ ރަޖްނިކާންތުގެ ދަރިފުޅު އައިޝްވަރިޔާ ރަޖްނިކާންތު އަދި ފިލްމީތަރި ދަނުޝްގެ ކައިވެނި ނިމުމަމަކަށް އައިސްފިއެވެ.

18 އަހަރުގެ ކައިވެނީގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ދަނުޝް ވަނީ އޭނާގެ ޓުވިޓާގައި ހިއްސާކޮށްފައެވެ. ދެމީހުން ވަކިވާން ނިންމާފައިވަނީ ވާހަކަދައްކައި އެއްބަސްވެގެން ކަމަށް ދަނުޝްގެ ޓުވީޓުގައި ވަނީ ބުނެފައެވެ.

އައިޝްވަރިޔާ އަކީވެސް ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަންނަ ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރު ކަސްތޫރީ ރާޖްގެ ފިރިހެން ދަރިފުޅު ދަނުޝް އަދި ރަޖްނިކާންތުގެ އަންހެން ދަރިފުޅު އައިޝްވަރިޔާގެ ކައިވެނި ކުރެވިފައިވަނީ 2004ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދީން ވަނީ ލިބިފައެވެ.

އައިޝްވަރިޔާ ޑައިރެކްޓުކުރި ފިލްމު ތަކުގެ ތެރޭގައި ދަނުޝް ކުޅެފައިވާ ފިލްމު ''3'' އަދި ކޮމެޑީ ފިލްމު ''ވައި ރާޖާ ވައި'' ފާހަގަކޮށްލެވެއެވެ. އަދި ފިލްމީ ތަރި ދަނުޝްގެ ފާހަގަކޮށްލެވޭ ތަމަޅަ އެތައް ފިލްމެއް ހިމެނޭއިރު އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ސާރާ އަލީ ހާން އަދި އަކްޝޭ ކުމާރާއެކު ބޮލީވުޑް ފިލްމު ''އަތުރަންގީ ރޭ'' އިންނެވެ.