ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ ހޯދައިފިއެވެ.
މީގެ ކުރިން 2020 ވަނަ އަހަރުވެސް ފީފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލެވަންޑޯސްކީ ހޯދި އިރު، މިއީ އޭނާ ޖެހިޖެހިގެން އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފީފާ "ދަ ބެސްޓް" އެވޯޑުވެސް ބަޔާން މިއުނިކް ފޯވަޑް ލެވަންޑޯސްކީ ހޯދި އިރު، އޭނާ ވެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު އެވޯޑު ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑު "ދަ ބެސްޓް"ގެ ނަމުގައި ދޭން ފެށީ 2016 ވަނަ އަހަރުއެވެ.
މިފަހަރުގެ އެވޯޑުތައް އިއުލާން ކުރުމަށް ފީފާއިން ސްވިޒަލޭންޑްގެ ޒިއުރިޗްގައި ހާއްސަ ހަފުލާއެއް ބޭއްވި ނަމަވެސް، މިފަހަރުގެ ހަފުލާ ބާއްވާފައިވަނީ ކުރިން ބާއްވާ ގޮތަށް ކުޅުންތެރިން އެއްތަނަކަށް ގެންގޮސް ނޫނެވެ.
ފީފާއިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ވަނީ މިދިޔަ އަހަރު ޖުމްލަ 69 ގޯލު ޖަހައިފައެވެ. ލެވަންޑޯސްކީ މިފަހަރު އެވޯޑު ހޯދީ ގަދަ ތިނެއްގައި ދެން ހިމެނުނު ލިވަޕޫލް އަދި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހާއި އާޖެންޓީނާ އަދި ޕީއެސްޖީ ފޯވަޑް ލިއޮނެލް މެސީއާ ވާދަކޮށްގެންނެވެ.
މިދިޔަ އަހަރު ލެވަންޑޯސްކީ ވަނީ ބަޔާނާއެކު ޖަރުމަނު ލީގާއި ކަޕްވެސް ކާމިޔާބުކޮށް ޔޫރަޕްގެ ރަން ބޫޓުވެސް ހޯދައިފައެވެ. އޭގެ އިތުރުން މިދިޔަ އަހަރު ލެވަންޑޯސްކީ ވަނީ ޖަރުމަނު ލީގުގައި 1971-72 ވަނަ އަހަރު ގާޑް މުލާ ހަދާފައިވާ ތާރީހީ ރެކޯޑެވެސް މުގުރާލައިފައެވެ. ޖަރުމަނު ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ލެވަންޑޯސްކީ 2020-21 ވަނަ އަހަރު ސީޒަންގެ ލީގުގައި ކުޅުނު ފަހު މެޗުގައި މުގުރާލީ 41 ގޯލު ލީގުގައި ޖަހައިގެންނެވެ. ގާޑް މުލާ އަތުގައި އެ ރެކޯޑު އޮތީ 40 ގޯލާ އެކުގައެވެ.
ފީފާ "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ތަރި އެލީޒިއާ ޕުޓެލާސްއެވެ. ޕުޓެލާސްއަކީ އަންހެން ބެލޮންޑިއޯވެސް ހޯދި ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޗެލްސީގެ ސެނެގާލް ގޯލްކީޕަރު އެޑުއާޑު މެންޑީއެވެ. މެންޑީ ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީއާ އެކު ހޯދައިފައެވެ.
ފީފާއިން ހޮވި އެންމެ މޮޅު ފިރިހެން ކޯޗަކަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހޮވުނު އިރު، އެންމެ މޮޅު އަންހެން ކޯޗަކީ ޗެލްސީގެ އަންހެން ޓީމުގެ ކޯޗު އެމާ ހެއެސްއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު