ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށުގައި ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ބިޑް ޑޮކިއުމެންޓުގައި ބީލަމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ދިގުވެލިދޫ އާއި، އެރަށާ ގުޅިފައި އޮންނަ މެދުރަށް އަދި ދިގުރަށް ވަނީ ހިމަނައިފައެވެ.

އެ ތިން ރަށުގެ ޖުމުލަ ބޮޑުމިނުގައި 19 ހެކްޓަރު ހުންނަ އިރު، އެރަށްތައް ދޫކުރަން ހަމަޖައްސާފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ޑޮލަރެވެ.

ގުޅިފައިވާ އެ ތިން ރަށުގައި ރިސޯޓު ހަދަން ދޫކުރަނީ ފަޅު ހިއްކައިގެން ތަރައްގީކުރެވޭ ގޮތަށެވެ. ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން އެ ތިން ރަށުގައި 300 އެނދުގެ ރިސޯޓެއް ތަރައްގީކުރެވޭނެއެވެ.

މިފަހުން ކޮމަންޑޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދެއްވަން ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ވަނީ ދިގުވެލިދޫ ހިމެނޭ ގޮތަށް އޮންނަ ރަށްފަތި ވަރަށް އަވަހަށް ފަތުރުވެރިކަމަށް ހުޅުވައިލައްވާނެ ކަމަށް ވިދާޅުވެފައެވެ.