ބ. ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް އެރަށު ރައްޔިތުންތަކެއް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ކުޑަރިކިލު ރައްޔިތުން މުޒާހަރާ ކުރަމުންދަނީ އެރަށުގައި ކޮވިޑާއި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ދަނޑިވަޅެއްގައި އެރަށުގައި ޑޮކްޓަރެއް ނެތުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
ކުޑަރިކިލު ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް "ވަން" އަށް މިއަދު ވިދާޅުވީ ރައްޔިތުން މިއަދު އިހުތިޖާޖު ކުރަމުން ދަނީ ޑޮކްޓަރެއް ނެތި ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތް ނެތުމުން ކަމަށެވެ.
ހަންނާން ވިދާޅުވީ އެރަށުގައި ހުރި ޑޮކްޓަރު މީގެ ތިން މަސް ކުރިން ޗުއްޓީއަށް އެދި ހުށަހެޅުމުން އޭނާއަށް ޗުއްޓީ ހަމަޖައްސައިދިނީ މިމަހުގެ ތެރޭގައި ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު އޭނާ އެރަށުން ފުރާފައިވާ ކަމަށެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އެރަށަށް ޑޮކްޓަރަކު ނުފޮނުވާ ކަމަށެވެ.
ހަންނާން ވިދާޅުވީ މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާ ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި ބެލެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި އެރަށަށް ޑޮކްޓަރަކު އަންނާނެ ކަމަށެވެ.
"ސިއްހީ މަރުކަޒު މީހުން އަތޮޅު ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީއާ ވާހަކަ ދެއްކި މި މައްސަލައިގަ. ރަށުގަ މިހާރު ކޮވިޑު ޖެހިފަ ދެމީހަކު އެބަތިބި. ދެން ބޭރަށް ހިންގުމާއި ހޮޑުލުން އިންތިހާއަށް އިތުރުވެފަ މިވަނީ. ޑޮކްޓަރަށް އޮންލައިންކޮށް ދައްކަން ގޮސްފަ ވެސް ބަލި މީހާ އެބަޖެހޭ ސިއްހީ މަރުކަޒު ތެރޭގަ ދެގަޑި ތިން ގަޑި އިރު ވަންދެން ހުންނަން. ބަލި މީހަކަށް އެގޮތަށް ގޮސް އިނުމަކީ ބޮޑު ތަކުލީފެއް. ހެލްތު މިނިސްޓްރީން ބުނީ މިއަދު މެންދުރު ފަހު 3:00ގައި ބޭރުން ޑޮކްޓަރެއް އަންނާނެ ކަމަށް. ދެން އައީމަ ކުޑަރިކިލަށް ފޮނުވާނަމޭ. އެހެންވީމަ މާދަމާ ޑޮކްޓަރު މިރަށަށް އަންނާނެ ކަމަށް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.
ކުޑަރިކިލު ރައްޔިތުން މިހާރުވެސް މުޒާހަރާ ކުރަމުންދާއިރު އެމީހުން ވަނީ ސިއްހީ މަރުކަޒަށް ބަޔަކަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ. އަދި އެތާ ކުރިމަތީގައި ދަނީ އަޑު އުފުލަމުންނެވެ. ރައްޔިތުން ވަނީ ރަށުގައި ބަލި ފެތުރި ރައްޔިތުން ހަނާ ވާއިރު ޑޮކްޓަރެއް ގެނައުމުގެ ޒިންމާ އުފުލަނީ ކޮންބައެއްތޯ ސުވާލު ކޮށްފަ އެވެ.
"ރައްޔިތުން ހަނާ ވަނީ. ތާރީހަކަށްފަހު ތާރީހެއް. ޑޮކްޓަރެއް ނެތި ދެ ހަފުތާއަށްވުރެ ގިނަ ދުވަސް. ކޮވިޑާއެކު ބޭރަށް ހިންގުމާއި ހޮޑުލުން އިންތިހާއަށް އިތުރު. މިތިބީ ބިރުވެރި ކަމެއްގެ ތެރޭގަ. ޑޮކްޓަރަކު ކުޑަރިކިލަށް ފޮނުވުމުން ނޫނީ ގެއަކަށް ނުދާނަން." ޝުއޫރު ފާޅުކުރުމަށް ނިކުމެ ތިބި ރައްޔިތުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވެ އެވެ.
އޭގެ އިތުރުން ބައެއް ރައްޔިތުން ބުނަމުން ދަނީ ޑޮކްޓަރަކު ރަށަށް ނުގެންނަނީސް ގެޔަށްވެސް ނުދާނެ ކަމަށާއި ރައްޔިތުން ގުނބޯ ހެއްދުމަށް އެއްވެސް އިދާރާއަކުން މަސައްކަތް ނުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖުމަންޓު އިސްތިއުފާ ދިނުމަށްވެސް ރައްޔިތުން ދަނީ ގޮވަމުންނެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ "ވަން" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ކުޑަރިކިލަށް ޑޮކްޓަރަކު ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު