އެމްއެންޑީއެފްގެ ބައެއް މުވައްޒަފުންނަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 2.8 މިލިއަން ރުފިޔާ ނުލިބޭތާ އަށް އަހަރުވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޓްރެޝަރީ ލޯނުތަކަކީ ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް, ގެދޮރު އިމާރާތްކުރުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ލޯނުތަކެކެވެ. އޭގެ ތެރެއިން އެމްއެންޑީއެފްގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިފެންސް މިނިސްޓްރީއާއެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ޑިފެންސް މިނިސްޓްރީގެ 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް އެ މިނިސްޓްރީއަށް އެކި ފަރާތްތަކުން ލިބެން ޖެހޭ ފައިސާގެ ތެރެއިން ޖުމުލަ 2.85 މިލިއަން ރުފިޔާ އެ ފަރާތްތަކުން ގަވާއިދުން ދައްކަމުން ގޮސްފައެއް ނުވެއެވެ.

ނަމަވެސް އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޑިފެންސް މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެމްއެންޑީއެފްގެ 13 މުވައްޒަފަކަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 2.81 މިލިއަން ރުފިޔާ 31 ޑިސެމްބަރު 2020ގެ ނިޔަލަށް އަނބުރާ ލިބިފައެއް ނުވެއެވެ. އަދި އެފައިސާއަކީ 2012 ވަނަ އަހަރުން ފެށިގެން ނުދައްކާވާ ފައިސާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންއިރަކު ދޫކޮށްފައިވާ ފައިސާތަކެއް ކަމެއް ރިޕޯޓަކު ބުނެފައެއް ނެތެވެ.

އޮޑިޓް އޮފީހުން ބުނީ, ޓްރެޝަރީ ލޯނުތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި, އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން, އެ ލޯނުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާ އެކީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ޑިފެންސް މިނިސްޓްރީއަށް އެންގި ކަމަށެވެ. ނަމަވެސް 19 މެއި 2020ގެ ނިޔަލަށްވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް އެ އޮފީހަށް ފޮނުވާފައިވާ ނުވާކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން އިތުރަށް ބުނީ, ޓްރެޝަރީ ލޯނުތަކާ ގުޅޭ މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އެކި ފަހަރުމަތިން ފާހަގަކޮށް, އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ލަފާދީފައިވާ ކަމެއްނަމަވެސް, މިހާތަނަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅެއް އެޅިފައިނުވާ ކަމެއް ކަމަށެވެ.