ސްޕެނިޝް ސުޕަ ކަޕް ޗެމްޕިއަންކަން، ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ހޯދައިފިއެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ގަދަ ދެޓީމާއި، ކޮޕާ ޑެލްރޭގެ ފައިނަލް ކުޅުނު ދެޓީމާއެކު ޖުމުލަ ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ސުޕަ ކަޕްގެ ޗެމްޕިއަންކަން ރެއާލްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ. މިހާތަނަށް ރެއާލްއިން 12 ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު މިއީ ސުޕަ ކަޕް ސްޕެއިންއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތިން މެޗުވެސް މިފަހަރު ކުޅުނީ ސައުދީ އަރަބިއްޔާގައެވެ.

ރެއާލްއިން ވާދަވެރި ބާސެލޯނާ ބަލިކޮށް ފައިނަލާ ހަމައަށް ގޮސްފައިވާ އިރު، އެތުލެޓިކް ބިލްބާއޯ ފައިނަލަށް ދިޔައީ ސެމީ މެޗުގައި އެންމެފަހުގެ ލަލީގާ ޗެމްޕިއަން އެތުލެޓިކޯ ބަލިކޮށްފައެވެ.

ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލްގައި ކުޅުނު މެޗުގައި ރެއާލްއަށް ލީޑު ނަގައިދިނީ ލޫކާ މޮޑްރިޗެވެ. އޭނާގެ ހިތްގައިމު ގޯލާއެކު ލީޑު ނަގައި ކުޅެމުން ދިޔަ ރެއާލްގެ ދެވަނަ ގޯލު ފެނުނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އޭރިއާ ތެރެއިން ބިލްބާއޯގެ ޔެރޭ އަލްވަރޭޒް އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީގައި ރެއާލްއަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ.

މެޗު ނިމެން ދަނިކޮށް ފަހުކޮޅުގައި ރެއާލްގެ އެޑާ މިލިޓާއޯއަށް ރަތް ކާޑު ދެއްކިއެވެ. އޭރިއާ ތެރެއިން ބޯޅައިގައި ގަސްދުގައި އަތުން ޖެއްސުމުން ރެއާލް ޑިފެންޑަރަށް ރެފްރީ ރަތްކާޑު ދައްކާފައިވާ އިރު، އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ރައުލް ގާސިޔާ ޖެހި ނަމަވެސް ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިދިޔަ އަހަރުގެ ސުޕަ ކަޕް ހޯދީ ރޭގެ ފައިނަލުން ބަލިވި ބިލްބާއޯ އެވެ. ރޭގެ ސުޕަ ކަޕް ތަށްޓާއެކު ރެއާލްއިން ވަނީ މުބާރާތް ރެކޯޑު 13 ފަހަރަށް ހޯދާފައިވާ ބާސާއާ ގާތަށް ޖެހިލައިފައެވެ.