އައްޑޫ ސިޓީ ހެރެތެރޭގައި ހަދާފައިވާ ކެނެރީފް ރިސޯޓް ދޮޅުއަހަރަށްފަހު އިއްޔެ އަލުން ހުޅުވައިފިއެވެ.

ކެނެރީފް ރިސޯޓުން ބުނީ ދިގު މުއްދަތަކަށް ރިސޯޓު ބަންދުކޮށްފައި އޮތުމަށްފަހު ރިސޯޓު ހުޅުވިއިރު ރިނޮވޭޝަންގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އޭގެ ސަބަބުން ރިސޯޓުން ދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި މި ފިޔަވަހީގައި ހުޅުވާފައިވަނީ 142 ރޫމް ކަމަށާއި އޭގެތެރެއިން 140 ރޫމް ރިސޯޓް ލައިފް އިން ބުކް ކޮށްފައިވާ ކަމަށެވެ.

ކެނެރީފް ރިސޯޓުގައި ހުންނަނީ ޖުމުލަ 271 ރޫމެވެ. ކެނެރީފުން ބުނީ ރިސޯޓު ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ އޭޕްރީލްގައި ކަމަށާއި ނަމަވެސް ދިވެހި ސަރުކާރާއި އަދި ގިނަ ބައެއްގެ އެހީތެރިކަމާއި އެކު ރިސޯޓު ހުޅުވަން ބުނި މުއްދަތަށްވުރެ އަވަހަށް ހުޅުވުނީތީ އުފާކުރާ ކަމަށެވެ.

ކެނެރީފް ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޮވިޑާ ގުޅިގެން މާލީ ހާލަތު ދަށްވެގެންނެވެ. ރިސޯޓު ބަންދުކުރި އިރު އެތައް މުވައްޒަފެއްގެ ވަޒީފާވެސް ގެއްލި، ރިސޯޓު އަލުން ހުޅުވުން ލަސްވެ އައްޑޫ ގިނަ ރައްޔިތުން ޝަކުވާކޮށްފައި ވެއެވެ.