ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްސީކިޔު)އިން ކަނޑައަޅައިފިއެވެ.

"ކީރިތި ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމް ތަކުގައި ހުންނަން ޖެހޭ މިނިމަމް ސްޓޭންޑާޑް" އެމްކިޔުއޭއިން އިފްތިތާހު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ އިތުރުން ހަޔާ އެޑިއިކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑާއި ސެޓްފިކެޓް ޕެނަލްގެ މެންބަރުންގެ އިތުރުން ގުރުއާން ޕެނަލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ހަންނާނު ވަހީދު ވިދާޅުވީ، ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމް ތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު ކަނޑައެޅުމުގެ ސަބަބުން ގުރުއާނުގެ ތައުލީމީ ޕްރޮގްރާމްތައް ނިންމާފައި ނުކުންނަ ކުދިންގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެމްކިޔުއޭއިން ގުރުއާން ކޯސްތަކުގައި އެންމެ ދަށްވެގެން ހުންނަން ޖެހޭ މިންގަނޑު ކަނޑައެޅުމުން ދައްކުވައިދެނީ މި ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިޔަތު ކަން ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ނޫރު ހިމާޔަތް ކުރަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޑރ. ޒާހިރުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އަލަށް އިފްތިތާހުކުރި މިންގަނޑުގެ ސަބަބުން މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ދިމާވާ ގޮންޖެހުމާއި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްކިޔުއޭއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ގުރުއާނުގެ ދާއިރާއިން ހިންގާ ކޯސްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު އެކަށަ އަޅަން ނިންމީ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެ ސާކިއުލާގައިވާ ގޮތުން މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ގޮތުގައި ބަލާނީ ގާރީ ކޯހާއި ގިރާއަތު ކޯހުގެ އިތުރުން ގުރުއާން ޓީޗިން ކޯސް އަދި އިމާމުކޯހެވެ.