ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕެއިނާ ދިމާކޮށް، ކޮމަންޑުއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލަން އިއުލާނުކުރުމަކީ، ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކޮށް، އެފަދަ ކަންކަން ހުއްޓާލައި އެކަން ހުއްޓުވަން ހާއްސަ ގާނޫނެއް ހަދަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ފެށުމަށް މިއަދު ވަނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާނުކުރުމަށް ޖަލްސާތައް ބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ އަމަލެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އެފަދަ އަމަލުތަކުގެ ސަބަބުން އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާއި ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހުތިޔާރުކުރުމުގެ ފުރުސަތު ހަނިވާ ކަމަށެވެ.
- 2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއުއަށް ބަޖެޓެއް ކަނޑައަޅާފައި ނުވުން އަދި މަޝްރޫއުއަށް ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލެއް ރައްޔިތުންނާ ހިއްސާކޮށްފައި ނުވުން.
- މިފަދަ ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމުގެ ކުރި ހުށަހަޅައި އެ އިދާރާއިން ހޯދަންޖެހޭ ހުއްދަތައް ހޯދައި، އަދި "ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012" އާ އެއްގޮތްވާގޮތުގެ މަތިން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާފައި ނުވުން އަދި 14 ޖަނަވަރީ 2022 ގައި މި މަޝްރޫއު ފަށަން ހަމަޖެހިފައިވާ އިރު، އަވަސް އަރުވާލައިގެން ހަދާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކުން މި މަޝްރޫއުއިން ލިބޭނެ ގެއްލުންތަކާއި ކުރާނެ އަސަރުތައް އެންމެ ރަނގަޅުގޮތުގައި ދިރާސާކޮށް ދެނެގަތުމަކީ ކުރެވޭނެ ކަމަކަށް ނުވުން.
- ތަރައްގީގެ މަޝްރޫއުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ފަށަންވާނީ މަޝްރޫއުގެ ޕްލޭނިން މަރުހަލާގައި ކަމަށްވާ އިރު، މި މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކޮމަންޑޫ ކައުންސިލުން ފަށާފައިވަނީ 11 ޖަނަވަރީގައި. މިއީ މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ތާރީހުގެ ތިން ދުވަސްކުރިން ކަމަށްވާތީ، ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުންގެ ފުރިހަމަ މައުނަވީ ބައިވެރިވުން ނެތުމާއި އެކަން ކަށަވަރުކުރުމުގެ ސިޔާސީ އަދި އިދާރީ ނިޔަތެއް ނެތުން.
- ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ކުރިއަށް ގެންދިއުމާއެކު، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް މަގުފަހިކުރުމަށް ފަރުމާކުރެވިފައިވާ "އައިލްސް" ސައިޓުގައި 2022 ގައި ހިންގުމަށް ހަމަޖެހިފައިވާ ދިހަ ޕްރޮޖެކްޓުގެ ތެރޭގައި ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ހިމެނިފައި ނުވުން.
ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ހުއްޓާލުމަށާއި، އިންތިހާބުތަކާ ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ވޯޓަށް ބާރުފޯރުވުން ހުއްޓާލުމަށް ވެސް ގޮވާލައިފައެވެ.
- ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުން އަދި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް، 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލައި ފުރިހަމައަށް ތަންފީޒުކުރުން.
- އިންތިހާބުތަކާ ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ވޯޓަށް ބާރުފޯރުވުން ހުއްޓާލުން.
- ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގާއިރު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން.
- މަޝްރޫއުތައް ހިންގަނީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުންކަން ކަށަވަރުކުރުން.
- މަޝްރޫއުތައް ހިންގަނީ އެންމެ ބޭނުންޖެހިފައިވާ ކަންކަމަށާއި ސަރަހައްދުތަކަށްކަން ކަށަވަރުކުރުން.
- މަޝްރޫއުތައް ފެށުމުގެ ކުރިން، އީއައިއޭ ރިޕޯޓު އެކުލަވާލައި އެ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރުން.
- އިލެކްޝަންސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ފުލުހުން ފަދަ ކަމާ ގުޅޭ މުއައްސަސާތަކުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުން.
ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖައްސައިފައެވެ. އެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކުރީ 249.9 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު